ތާލިބާނުން ހިފާފައިވާ އެމެރިކާގެ ހަތިޔާރު ޗައިނާއަށް ވިއްކުމުގެ ފުރުސަތު އޮތްކަމަށް ޑިފެންސް ނިއުސް އިން ތުހުމަތުކޮށްފިއެވެ. ކާބުލްއާއި ކަންދަހާރުގެ ސިފައިންގެ މަރުކަޒުތައް ހިފުމުން ތާލިބާނަށް ވަނީ ގިނަ އަދަދަކަށް އެމެރިކާގެ މޮޅެތި ހަތޔާރު ލިބިފައެވެ.

އަފްޣާނިސްތާން ސިފައިން އެމެރިކާއިން އުފައްދާފައިވާ 211 މަތިންދާބޯޓް ބޭނުން ކުރިއެވެ. އޭގެތެރޭގައި ސީ130ގެ މަތިންދާ ބޯޓާއި އޭ 29 އެޓޭކް ޕްލޭނާއި މޮޅު ހެލިކޮޕްތަރުތައް ހިމެނެއެވެ. ތާލިބާނަށް ފައިސާގެ ބޭނުން ޖެހިފައި ވުމުގެ ސަބަބުން ތާލިބާނުން މިސާމާނުތައް ޗައިނާއަށް ވިއްކުމަކީ ދުރުކަމެއް ނޫން ކަމަށް ބުނެއެވެ. ނަމަވެސް އެމެރިކާ މަސްއޫލުވެރިން ވިދާޅުވަނީ، މީގައި ޗައިނާގެ އަތްމައްޗަށް އަރާނެފަދަ ހައްސާސް ސާމާނެއް ނުހުންނާނެއެވެ. އަފްޣާނިސްތާން ސިފައިންގެ ބޭނުމަށް ދީފައިވާ ހަތިޔާރަކީ ވަރަށް އާދައިގެ ފަސޭހަތައް އޭގައި ހިމަނާފައިވާ ތަކެއްޗެވެ.

ތާލިބާނަށް އެމެރިކާގެ އުޅަނދުތައް ބޭނުން ކުރަން ފަސޭހައެއް ނުވާނެއެވެ. މިމީހުންނަކީ މިކަމުގެ ތަމްރީނު ލިބިފައިވާ ބަޔެއް ނޫނެވެ. އަދި މި ފަދަ ބޯޓުތަކެއް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުނަރެއްވެސް އެމީހުންގެ ކިބައިގައި ނެތެވެ.

ތާލިބާނުންގެ އަތްމައްޗަށް އެރި ތަކެތީގެ ތެރޭގައި ރަޝިޔާއިން ގަނެފައި އިންޑިއާއިން އަފްޣާން ސިފައިންނަށް ދިން ހަތަރު ހެލިކޮޕްޓަރެއްވެސް ހިމެނެއެވެ.

އަފްޣާން މަސްއޫލުވެރިން ބުނާ ގޮތުން ބައެއް ހަތިޔާރާއި ސާމާނުތައް ވާނީ އަވަށްޓެރި ގައުމުތަކަށްވެސް ބޭރުކޮށްފައެވެ.