އޮގަސްޓް 6 ގައި ތާލިބާނުން ދޭން ފެށި ހަމަލަތަކުގައި އަފްޣާނިސްތާންގެ ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންދާން ފެށިއެވެ. ދިހަ ދުވަސް ތެރޭ ވެރިރަށްވެސް އެމީހުންގެ ބާރުގެ ދަށަށް ގެނަސްފިއެވެ.

ތާލިބާނުން ބާރުވެރިވުމުން އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައެވެ. މިކަމާ ގުޅިގެން އެންމެ ބޮޑަށް ކުރެވޭ ސުއާލަކީ އަފްޣާނިސްތާންގެ އަވަށްޓެރިޔާއަށް މިއިން ކުރާނެ އަސަރަކީ ކޮބައި ބާވައެވެ؟ ޕާކިސްތާން އެމްބަސީއަކީ ޗައިނާއާއި ރަޝިޔާގެ އެމްބަސީގެ އިތުރުން ކާބުލްގައި އަދިވެސް ހުޅުވާފައި ހުރި މަދު އެމްބަސީތަކުގެ ތެރޭން އެމްބަސީއެކެވެ.

ތާލިބާނަށް އަމަލީ ގޮތުން ތާއީދުކުރާ ކަމުގެ ތުހުމަތު ޕާކިސްތާނަށް ކުރެވެއެވެ. ތާލިބާނުން ކާބުލް ހިފިފަހުން އެމީހުންނަށް ޒިޔާރަތް ކުރައްވާ އެންމެ މަތީ ފެންވަރުގެ މަސްއޫލުވެރިއަކީ، ޕާކިސްތާންގެ ޚާރިޖީ ވަޒީރު މަޙުމޫދު ޤުރެއިޝީއެވެ.

ޕާކިސްތާނުން ބޭނުން ވަނީ ޕާކިސްތާންގެ ދެކޮޅުވެރި ހަނގުރާމަވެރިންގެ ފަރާތުން ޕާކިސްތާނަށް ނުރައްކަލެއް ނައައުމެވެ. އޭގެ ތެރޭގައި ޕާކިސްތާންގެ ތަޙްރީކޭ ތާލިބާނޭ ޕާކިސްތާނާއި ބަލޯޗިސްތާންގައި އުޅޭ ވަކިވެގަންނަން ބޭނުންވާ ހަނގުރާމަވެރިން ހިމެނެއެވެ.

މި ދެ ޖަމާއަތަކީވެސް ޕާކިސްތާނާ ދެކޮޅުވެރި ހަނގުރާމައެއްގައި އުޅޭ، އަފްޣާން ޕާކިސްތާންގެ ބޯޑަރު ސަރަހައްދުގައި އެމީހުންގެ ފޭލިގެތައް ޖަހައިގެން ތިބޭ ހަނގުރާމަވެރިންނެވެ.

ތާލިބާނުން ބުނެފައި ވަނީ އަފްޣާނިސްތާންގެ ފަސްގަނޑު އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން ބޭނުން ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ތަޙުރީކޭ ތާލިބާނާ ގުޅުމެއް ބާއްވަން ބޭނުން ނޫން ކަމަށްވެސް ބުނެފައި ވެއެވެ. ނަމަވެސް އަފްޣާނިސްތާންގެ ސިޓީތަކުގައި ހަރަކާތްތެރިވާ ޕާކިސްތާންގެ ތާލިބާންގެ ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާކަށް ތާލިބާނުން މަސައްކަތެއް ނުކުރެއެވެ.

ތާލިބާނުން ދައްކަމުންދާ ވާހަކަތަކުން އަދި ފެންނާން އޮތީ ޖިހާދު ކުރުމުގެ ސަގާފަތް އަށަގަންނަމުންދާ ތަނެވެ.