ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

2021 އޮގަސްޓް 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.

ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން (Cocaine)އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގުރާމް ހުއްޓެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 83,000,000.000 (އަށްޑިހަ ތިން މިލިއަން) ރުފިޔާއަށް އަރައެވެ. އަދި މިމައްސަލާގައި ޝާމިލްވާ ފަރާތާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.