ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މިއަދު ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގައި ހިމެނޭ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 56 ޕަސެންޓް ވެސް މިހާރުނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހާ، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްޓީސީސީ އިން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ މަސައްކަތް ނިންމާލުމަށެވެ.