ފެނަކަ "ފުނަރު" ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށި ބެޗުގެ ޕްރެކްޓިކަލް އިމްތިހާނު ފަށައިފި އެވެ.

މިއީ އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް "ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗް" އިން ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފަށާފައި ވަނީ 10 ރަށަކުން 50 ދަރިވަރުންނާއެކުއެވެ.

ފެނަކައިން 153 ރަށަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު، ރަނގަޅު ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ގާބިލު މަސައްކަތްތެރިން ހޯދުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ.

ކަރަންޓުގެ ޚީދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަން ޖެހިފައި އޮންނަނީ އެކަމުގެ ފަންނީ އިލްމާއި ތަޖުރިބާ ހުރި މުވައްޒަފުންގެ މަސައްކަތު ތާވަލަށް ބިނާކޮށް ކަމަށް ވާއިރު، މިކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ލަސްތަކާއި ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއިއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން އަލަށް ފަށާ މި ޕްރޮގްރާމަކީ މިކަމަށް އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ދުރު ވިސްނުންފުޅާއި އިސްނެންގެވުމާއިއެކު، ދާއިރާއަށް މީހުން ބިނާކުރެވި ފަންނީ ގާބިލު މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ފެށި މަސައްކަތެއް ކަމަށް ފެނަކައިން ބުނެއެވެ.

ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަރަންޓު ޚިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާއި މިދާއިރާގައި ފަންނީ ގާބިލުކަން ހުރި މަސައްކަތަށް ކަމޭހިތާ އިޚުލާސްތެރި މީހުން ބިނާކުރުން ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ފެނަކަ އިންސްޓިޓިއުޓްގެ މި ޕްރޮގްރާމުގައި މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ 16 އަހަރުން މަތީގެ މީހުނަށެވެ.

މިއީ އާންމުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކޮށް، މިދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދިނުމާއި މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފައްދާ އަދި މިދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

ފެނަކައިން ވަނީ އެ ކުންފުނީގެ އުއްމީދަކީ މިފަދަ ޕްރޮގުރާމްތަކުގެ އަލީގައި މުޖުތަމައުއަށް ފައިދާހުރި ހުނަރުވެވި ގާބިލު ފަރާތްތަކެއް ތަމްރީނުވެގެން ދިއުން ކަމަށް ބުނެފަ އެވެ.