އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރަ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޤާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ޙައްލު ކުރުމަށާއި، ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެވުނެވެ.

ހަމައެހެންމެ މިފަދަ މައްސަލަތަކުގައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގޭ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަޑުންބޭރު ޢަމަލުތަކާއި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ޢާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވި، މިކަންކަން ޙައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.