އަންހެނުންނާ ދެކޮޅުވެރި އަމަލުތައް ހިންގުމުގެ 10 ހާސް މައްސަލައެއް، ޕާކިސްތާންގެ ސިންދު ޕްރޮވިންސްގައި މިއަހަރުގެ ރަޖިސްޓްރީކޮށްފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. މިއީ މޅި ޕާކިސްތާނަށް ނިސްބަތްވާ އަދަދެއް ނޫނެވެ. މިއީ ހަމައެކަނި ސިންދު ޕްރޮވިންސާ ގުޅޭ ތަފާސްހިސާބެވެ.

ޖިއޯ ނިއުސްއިން ބުނިގޮތުގައި ޕާކިސްތާންގެ ހައިދަރްއާބާދު ސިޓީގައި އެކަނިވެސް 2018އިން މިހާތަނަށް އަންހެނުންނަށް އަނިޔާ ކުރުމުގެ 6325 މައްސަލައެއް ހުށަހެޅިފައި ވެއެވެ.

މުލި ޕާކިސްތާންގައިވެސް އަންހެނުންނަށް ގޯނާ ކުރުމަކީ އާންމު ކަމެކެވެ. މަސްއޫލުވެރިން މިކަން ގަބޫކުރަން ބޭނުން ނުވާކަމަށްވެސް ބުނެއެވެ.

ޕާކިސްތާން މިނިސްޓްރީ އޮފް ހިއުމަން ރައިޓްސްއިން ބުނާ ގޮތުން ޕަންޖާބް އަންހެނުންގެ ހެލްޕް ލައިނަށްވެސް މިހާތަނަށް 4649 ޝަކުވާއެއް ހުށަހަޅާފައި ވެއެވެ. ހިއުމަން ރައިޓްސް މިނިސްޓްރީން ބުނާ ގޮތުން ގިނަ ޝަކުވާތަކަކީ، އާއިލާ މައްސަލަތަކާއި ޖިންސީ ތަފާތު ކުރުމާއި ވަޒީފާގެ މާހައުލުގައި ފުރައްސާރަ ކުރުމުގެ މައްސަލަތަކެވެ.

ޖިއޯ ނިއުސްއިން ބުނިގޮތުގައި ސިންދާއި ޕަންޖާބްގައި އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ އެ ދެ ޕްރޮވިންސަކީ އަންހެނުންނަށް ނަރަކައެއްފަދަ ތަނެއް ކަމަށެވެ. މުޅި ޕާކިސްތާންގައިވެސް އެންމެ ގިނައިން އަންހެނުންގެ ހައްގަށް އަރައިގަންނަ ޕްރޮވިންސަކީ ޕަންޖާބް ޕްރޮވިންސެވެ.