އިންޑިއާގެ ބޭސް އުފައްދާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޒައިޑަސް ކަޑިއްލާއިން އުފައްދާފައިވާ ކޮވިޑް19ގެ ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އިންޑިއާއިން ހުއްދަ ދީފިއެވެ. ކޮވިޑްގެ ޑީއެންއޭ އަށް ބިނާކޮށްގެން ތައްޔަރުކޮށްފައިވާ މި ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދޭން ހުއްދަ ކޮށްފައި ވެއެވެ.

އިންޑިއާގައި ޒައިޑަސް ކަޑިއްލާގެ ވެކްސިން ދޭން ފަށާނީ އުމުރުން 18 ން މަތީގެ މީހުންނަށެވެ. މިއަހަރުގެ ޑިސެމްބަރާ ހަމައަށް އިންޑިއާގެ ފުރާވަރުގެ އެންމެނަށް ވެކްސިން ޖަހައި ނިންމާލުމަށް ސަރުކާރުން ރާވާފައިވާ ޕްރޮގްރާމަށް މީގެ ސަބަބުން ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއީ އެހެން ވެކްސިންއާ ޚިލާފަށް ތިން ޑޯޒުން ފުރިހަމަވާ ވެކްސިނެކެވެ. އަހަރެއްގެ މައްޗަށް 100 މިލިއަނަށް ވުރެން ގިނަ ވެކްސިން އުފައްދާނެ ކަމަށް ޒައިޑަސް ކަޑިއްލާއިން ބުނެއެވެ.