ތާބިނާނުންގެ އަތްމައްޗަށް އަފްޣާނިސްތާނު ދިއުމުން ޓެރަރިޒަމަށް އޮތް ބިރުވެރިކަން އިތުރުވެފައިވާ ކަމުގައި އިންޑިއާއިން ބުނެފިއެވެ.އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވިދާޅުވީ، އަފްޣާނިސްތާނާ ދެކޮޅަށްވެސް އަދި އިންޑިއާއާ ދެކޮޅަށް ނިރުބަވެރި ހަމަލާތަކަށް އަފްޣާނިސްތާންގެ ބިން ބޭނުން ކުރެވިގެން ނުވާނެ އެވެ.

ސަލާމަތީ މަޖިލީހުގެ ރިއާސަތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ލަޝްކަރޭ ތޮއްޔިބާއާއި ޖައިޝޭ މުހައްމަދު ފަދަ ޖަމާއަތްތަކުން ގެންދަނީ ބިރަކާ ނުލައި ހަރަކާތްތެރިވެ އެމީހުންގެ އޮޕަރޝަންތައް ހިންގަމުންނެވެ. ޖަޔަޝަންކަރު ސިފަ ކުރެއްވި ގޮތުގައި މި ޖަމާއަތްތަކަކީ "ދައުލަތުގެ މެހުމާންދާރިއާއި ރައްކާތެރިކަން ލިބިގެން" އޮޕަރޭޓް ކުރާ ޖަމާއަތްތަކެވެ. އޭނާ އިޝާރާތް ކުރެއްވީ ޕާކިސްތާނުން މި ޖަމާއަތްތަކަށް ދޭ ތާއީދަށެވެ.

ތާލިބާނާއެކު އެންމެ ބާރުގަދަކޮށް ހަރަކާތްތެރިވާ ފަރާތަކީ މަޝްހޫރު ޓެރަރިސްޓް ޖަމާއަތްކަމަށްވާ ޙައްގާނީ ނެޓްވަރކުގެ އިސްލީޑަރުންނެވެ. ތާލިބާނުން އަލްގައިދާއާއެކު ގުޅުމެއް ނުބާއްވާކަމަށް ބުނި ނަމަވެސް މާޒީގައި އަލްގައިދާއާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުން މިހާރުވެސް ތާލިބާނުންގެ އެންމެ އިސް ސަފުގައި ހިމެނޭތީ މިވާހަކަ ގަބޫލުކުރަން ދަތިކަމަށް މުޙައްލިލުންނާއި ޑިޕްލޮމޭޓުން ވިދާޅުވެއެވެ.

މުމްބާއިއާއި ޕަޓާންކޯޓާއި ޕުލްވާމާއަށް ދިން ޙަމަލާތައް ހަނދާނަށް ގެންވަމުން ޖަޔަޝަންކަރު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އެންމެ އިސް ސަފުގައި އިންޑިއާ އޮތް ކަމަށެވެ.