ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ތިންވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 50 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި ޕްރޮޕޯސަލް އަދި އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބޭނެއެވެ.