ވިހި އަހަރުވަންދެން އެތައް ޓްރީލިއަން ޑޮލަރެއް ޚަރަދުކޮށްގެން އެމެރިކާއިން އަފްޣާނިސްތާންގައި ކުރި ހަނގުރާމައިގައި ލިބިފައިވާ ފައިދާއަކީ، އަފްޣާނިސްތާންގައި ކުޑަކުދިން މަރުވާ އަދަދު މަދުވުމާއި ލިޔަންކިޔަން ދަތުމުގެ ނިސްބަތް އިތުރު ވުމާއި އަފްޣާނިސްތާންގެ ގައުމީ އުފެއްދުންތެރިކަން އިތުރު ވުމެވެ.

އަފްޣާނިސްތާންގައި އެމެރިކާއިން ހޭދަ ކުރި ފައިސާގެ ހިސާބުކިތާބު ބަލަހައްޓާ އިދާރާގެ އިންސްޕެކްޓަރ ޖެނެރަލް ޖޯން އެފް ސޮޕްކޯ ތައްޔާރުކޮށް ހުށަހެޅި 20 އަހަރުގެ މަސައްކަތުގެ ރިޕޯޓްގައި ބުނެފައި ވަނީ ވުޖޫދުގައި ނެތް އެތައް ސިފައިންނަށް އެމެރިކާއިން މުސާރަ ދެމުން ދިޔަ ކަމަށެވެ. ކޮޕަރްޓް މަސްއޫލުވެރިން ހަނގުރާމައިގެ ނާޖާއިޒު ފައިދާނަގައިގެން ކޮންމެ އަހަރަކު އެމެރިކާގެ ޚަޒާނާއިން 300 މިލިއަން ޑޮލަރު ފާއްދާލާފައިވާ ކަމަށެވެ.

އަފްޣާނިސްތާން ސިފައިންނަށް އެދެވޭ ތަމްރީނަށް ދެވިފައި ނުވަނީ މި ކޮރަޕްޓް މަސްއޫލުވެރިންނާ ހެދިއެވެ. މިއީ 2017ގައިވެސް އެމެރިކާއިން ތަައްޔާރު ކުރި ރިޕޯޓެއްގައި ބުނެފައިވާ ވާހަކައެކެވެ. އެއިރު ބުނެފައި ވަނީ އަފްޣާނިސްތާން ސިފައިން ތައްޔާރު ކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ ޕްލޭނަކީ މުޅި ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިންނާއި ފުލުހުން ތައްޔާރުކުރުމަށް އެކަށީގެންވާ ޕްލޭނެއް ނޫން ކަމަށެވެ.

އެމެރިކާއިން އިން ވަނީ އަފްޣާނިސްތާންގައި އުމުރާނީ ތަރައްގީއަށް 145 ބިލިއަން ޑޮލަރު ހޭދަ ކޮށްފައެވެ. އަސްކަރީ ހަތިޔާރަށް 837 ބިލިއަން ޑޮލަރު ހޭދަ ކޮށްފައެވެ.

މިހުރިހައި މަސައްކަތަކާއެކުވެސް އެމެރިކާގެ އަސްކަރީ ހަމަލާގެ ކާމިޔާބިއާއި ނާކާމިޔާބީ މުރާޖައާ ކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ތާލިބާނުން އަލްގައިދާއާއެކު ބަރާބަރަށް ގުޅުން ބާއްވާފައިވާ ކަމަށެވެ. އަދި އަލްގައިދާ އަފްޣާނިސްތާންގެ 15 ޕްރޮވިންސްގައި ހަރަކާތްތެރިވާ ކަމަށެވެ.

ރިޕޯޓް ބުނާ ގޮތުން:

2020ގައި ތާލިބާނާއެކު އެމެރިކާއިން އެއްބަސްވުމުގައި ސޮއިކުރި ފަހުން އެމެރިކާއާ ދެކޮޅަށް އަފްޣާނިސްތާންގައި 40 ހާސް ޙަމަލަ ތާލިބާނުން ދީފައި ވެއެވެ. މިއީ 20 އަހަރު ތެރޭ އެންމެ ގިނައިން ހަމަލަ ދިން އަހަރެވެ.

އަފްޣާން މީހުންގެ 75 އިންސައްތަ މީހުން ތިބީ ތާލިބާން ދެކެ ބިރުންނެވެ. 2006ގައި ތާލިބާން ދެކެ ބިރު ގަންނަ ކަމަށް ބުނެފައި އޮތީ 40 އިންސައްތަ މީހުންނެވެ.

މިހާރު އަފްޣާން މީހުންގެ 47 އިންސައްތަ އުޅެނީ ފަގީރު ކަމުގައެވެ. ވަޒީފާ ނެތް މީހުންގެ އަދަދު 38 އިންސައްތައިގައެވެ. 2007 ގައި ފަގީރުންގެ ނިސްބަތް އުޅުނީ 36 އިންސައްތައިގައެވެ.

16 މިލިއަނަށް ވުރެން ގިނަ އަފްޣާން މީހުންނަށް ކާނާ ލިބޭނެ ގޮތެއް ނެތެވެ. މިއީ ކޮންގޯއަށް ފަހު ދުނިޔޭގައި ކާނާގެ ކުއްލި ހާލަތަށް ޖެހިފައިވާ މީހުން ދެވަނައަށް އެންމެ ގިނައިން ތިބި ގައުމެވެ.

2021ގައި އަފްޣާން ކުޑަ ކުދިންގެ ދެބައިކުޅަ އެއްބައި ކުދިންނަށް ކާޑު ބަލި ޖެހޭނެއެވެ.

އަފްޣާނިސްތާންގެ ދަތި ހާލުގެ ސަބަބުން ބައެއް މީހުން އުޅެނީ، ގުނަވަން ވިއްކުމުގައެވެ.

އަފްޣާނިސްތާންގައި އެމެރިކާއިން ގެންގުޅުނު ސިޔާސަތު ކާމިޔާބު ވެފައި ނުވަނީ ކޮރަޕްޝަންއާއި އިސްރާފް ބޮޑުވުމުގެ ސަބަބުންނެވެ. އަފްޣާނިސްތާންގެ ހާލަތު އެމެރިކާ މަސްއޫލުވެރިންނަށް ނޭނގުމުން ކަމަށް ރިޕޯޓްގައި ބުނެއެވެ.