އަފްޣާނިސްތާންގައި ޗައިނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ މިހާރަކަށް އައިސް މުހައްލިލުންނަށް އެންމެ ޝައުގުވެރިކަމާއެކު ކުރިމަތި ކުރެވޭ ސުއާލެވެ. އަދި އެންމެ ޝައުގުވެރިކަމާއެކު ދިރާސާ ކުރެވެމުންދާ ހާލަތެވެ.
ޗައިނާއާއި އަފްޣާނިސްތާންގެ ގުޅުމާ މެދު އެންމެން ސަމާލުކަމަށް ގެނައީ، ޖުލައި 28 ގައި ޗައިނާގެ ޓިންޖިއަންގައި ޗައިނާގެ ޚާރިޖީ ވަޒީރު ވެންގ ޔީ، ތާލިބާން ޖަމާއަތުގެ ދެވަނަ މުއައްސިސް މުއްލާ އަބްދުލް ޣަނީ ބިރާދަރާ ބައްދަލު ކުރެއްވުމުނެނެވެ.
ވެންގ ޔީ ވިދާޅުވީ، "ތާލިބާނަކީ، އަފްޣާނިސްތާންގައި އަސްކަރީ ނާރެހެކެވެ. އަދި ސިޔާސީ ބާރެކެވެ!"
އަފްޣާނިސްތާނަކީ ބޮޑެތި ބާރުތަކުގެ ގަބުރުސްތާނެވެ. ޒާރއިން ރަސްކަން ކުރި ރަޝިޔާއަށްވެސް އަފްޣާނިސްތާންގައި ވަކި ހިއްޕާލުމަށް ފުރުސަތެއް ނުލިބުނެވެ. އަދި އިނގިރޭސިންނަށްވެސް އަފްޣާނިސްތާން ވެގެން ދިޔައީ ކެހިވެރި ބިމަކަށެވެ. އެމެރިކާގެ ހާލަތަކީ މިއަދުގެ ނިއުޅެމުންދާ ސަފްޙާ ތަކެވެ.
ދެން އޮތީ އަފްޣާނިސްތާނަށް އަލަށް ޝައުގުވެރިވެފައިވާ ޗައިނާއަށް ވާނެ ގޮތެވެ! ޗައިނާއިން ކާބުލްގައި އަމަލީ ގޮތުން ޝައުގުވެރިކަމާއެކު އަދިވެސް ހަރަކާތްތެރި ވަމުން އެބަދެއެވެ. ނަމަވެސް މެދުތެރޭ އޭޝިއާގައި އަފްޣާނިސްތާންގެ އަވަށްޓެރިންނާ އެއްފަދައިން ޗައިނާގެ ނުތަނަވަސްކަން ވެސް ކުޑައެއް ނޫނެވެ.
ހައްދުހަނައަޅާފައިވާ އިސްލާމީ ޚިޔާލުގެ ނިރުބަވެރި ހަރަކާތަކީ ޗައިނާއިން ޖެހިލުންވާ ބިރުވެރި ހުވަފެނެވެ. ހަމައެފަދައިން ރެފިއުޖީންގެ އައު އޮއިވަރަކާއި، މަސްތުވާ ތަކެތި ބޭރުކުރުމުގެ އައު ހިތްވަރެއް އާލާވެއްޖެނަމަ އޭގެ ނުރައްކާ ޗައިނާއަށްވެސް ފޯރާނެއެވެ.
63 ބިލިއަން ޑޮލަރު ޕާކިސްތާންގައި އިންވެސްޓް ކޮށްފައިވާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ސީޕެކްގެ މަޝްރޫއުތަކަށްވެސް ނިރުބަވެރިކަމުގެ އަސަރުތަކެއް ކުރުމަކީ ދުރުކަމެއް ނޫނެވެ.
ޗައިނާއިން ނުތަނަވަސްކަމާއެކު އަފްޣާނިސްތާންގެ ހާލަތަށް ބެލިނަމަވެސް ޗައިނާއަށް ފުރުސަތުތަކެއްވެސް އަފްޣާނިސްތާންގައި އެބައޮތެވެ. އެހެންވެ، ޗައިނާއިން ވަނީ ރަޝިޔާއާއި ޕާކިސްތާނާއި އީރާނާއެކު ކާބުލްގައި ހުންނަ ޗައިނާ ހުޅުވާފައި ބަހައްޓާފައެވެ. ޗައިނާއަށް ވަގުތުން ލިބޭނެ ފައިދާއަކީ، އުމުރާނީ ތަރައްގީއާއި އިމާރާތް ކުރުމުގައި ލިބޭނެ ފައިދާތަކެވެ. މީގެ އިތުރުން އަފްޣާނިސްތާންގައި ހިމެނޭ ނާދިރު މައުދަންތަކާއި ރޯ މާއްދާތަކަށް ޗައިނާއިން އިންތިހާއަށް ޝައުގުވެރިވާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.
ޗައިނާއިން އަފްޣާނިސްތާންގައި ނުކުރާނެ ކަމަށް ޔަގީން ކުރެވޭ އެއް ކަމަކީ، ޗައިނާ ސިފައިން ފޮނުވުމެވެ.
ޗައިނާއަށް އަފްޣާނިސްތާނާ އެއްފަދަ އެހެން މިސާލެއް އެބަ އޮތެވެ. ސޯމާލިއާއެވެ. ސޯމާލިއާއަކީ ޗައިނާއަށް ހިރާސްތަކުން ފުރިގެންވާ ގައުމެކެވެ، އެކަމަކު ފުރުސަތުތައްވެސް ފަހި ގައުމެކެވެ.
ސޯމާލިއާއަކީ މިޒަމާނުގައި ފެންނާން އޮތް ފެއިލް ސްޓޭޓެއްގެ ނަމޫނާއެކެވެ. ހަރުދަނާ ސަރުކާރެއް ނެތެވެ. ނިރުބަވެރިކަން އިންތިހާއަށް އިތުރު ވެފައި ވެއެވެ. ނަސްލީ ހަނގުރާމަ ވެރިންނާއެކު ގައުމު އޮތީ ލޫދި ބައިބައި ވެފައެވެ. މޫސުމަށް އަންނަ ބަދަލާއެކު ހަނަފަސްކަން އިތުރުވެފައިވާ ސޯމާލިއާ އަކީ ދުނިޔޭގެ ކަނޑުފޭރޭ މީހުންގެ ސުވަރުގެއެވެ.
ދުނިޔޭގެ އެންމެ ގިނައިން ދަތުރު ކުރެވޭ އައްސޭރިފަށަށް އޮންނަ ސޯމާލިއާއަކީ މުހިންމު ކަނޑު އޮޅި ބާބުލް މަންދަބް ކައިރީގައި އޮންނަ ގައުމެއްކަމުން އެހެން ގައުމުތަކުން ޝައުގުވެރިވާ މުހިންމު ގައުމެކެވެ. އެހެންވެ، ސޯމާލިއާކީ އެންމެން ފުރުސަތުގެ ބޭނުން ހިފާންއޮންނަ ތަނެވެ.
ސޯމާލިއާ ބައިބައިވެފައި އޮތުމުން ފުރުސަތު ނަގައިގެން ޔޫއޭއިއާއި ސައޫދީ އަރަބިއްޔާއާއި ޤަތަރާއި ޗައިނާއާއި ތުރުކީން ދަނީ ފައިދާތަކެއް ހޯދަމުންނެވެ. މި ހުރިހައި ގައުމަކުންވެސް ދަނީ ސޯމާލިއާއެކު އިގްތިސާދީ ސަލާމަތީ ގުޅުން ބަދަހި ކުރަމުންނެވެ.
ސޯމާލިއާގެ އެއަރޕޯޓާއި ކަނޑު ބަނދަރުތައް ބަލަހައްޓައި ދެނީ ތުރުކީވިލާތުންނެވެ. ސިފައިން ތަމްރީނު ކޮށްދެނީވެސް ތުރުކީވިލާތުންނެވެ. ޗައިނާއިން އެހީތެރިވާ އިރު ޗައިނާއިން ބާރުއަޅަނީ އިންވެސްޓް ކުރުމަށްޓަކައި އަމާން މާހައުލެއް ގާއިމްވެފައި އޮތުމަށެވެ.
އެހެންވެ، ޗައިނާއިން ސަމާލުކަން ދީފައި ވަނީ، ސޯމާލިއާއަށް ޔުނިވަރސިޓީ ސްކޯލަރޝިޕްތައް ދިނުމަށެވެ. ސޯމާލިއާގެ އެއްހާހަށް ވުރެން ގިނަ ކުދިން ޗައިނާގައި ތަޢުލީމު ޙާސިލު ކުރަމުން ދެއެވެ.
ޗައިނާއިން ސޯމާލިއާއަށް ސިފައިންގެ ބަޔަކު ފޮނުވީ 2008ގައެވެ. މީގެ މަގްސަދަކީ އަދަން ކަނޑު އޮޅި ހުރަސްކުރާ ޗައިނާ ބޯޓުފަހަރުތައް ކަނޑުފޭރޭ މީހުންގެ ކިބައިން ސަލާމަތް ކުރުމެވެ. ނަމަވެސް މޮގަދިޝޫގެ ޖަޒީރާ ޕެލަސް ހޮޓެލްއަށް 2015ގައި އައްޝަބާބް ޓެރަރިސްޓް ގުރޫޕުން ދިނަ ހަމަލާގައި ޗައިނާ އިސް ޕޮލިސް އޮފިސަރެއް މަރާލިއެވެ.
ސޯމާލިއާގައި ޗައިނާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބެއިޖިންގ އިން ފަހުން ސިފައިންނެއް ނުފޮނުވައެވެ. ނަމަވެސް އެހެން ގައުމުތަކުގައިވެސް ޗައިނާއިން ގެންގުޅޭ މޮޑެލްއާ އެއްގޮތަށް ޗައިނާއިން ބޭނުން ކުރަނީ ސަލާމަތީ ކަންކަމުގައި ޗައިނާ މީހުންގެ އަމިއްލަ ކުންފުނިތަކެވެ.
ސޯމާލިއާގައި ޗައިނާ އެމްބަސީގެ ސްޓާފުންނަށްވެސް ރައްކާތެރިކަން ފޯރުވައި ދެނީ ޕްރައިވެޓް ސެކިއުރިޓީ ފާމްތަކުންނެވެ. މީގައި ސޯމާލީ ކުންފުނިތައްވެސް ހިމެނެއެވެ.
ޗައިނާއިން މި މޮޑެލްއަށް އަފްޣާނިސްތާންގައި މަސައްކަތް ކޮށްފާނެ ކަމަށް އަންދާސާ ކުރެވެއެވެ.