އެލައިޑް އިންޝުއަރަންސް ކުންފުނިން ކްލަބްހައުސް އާއި ގުޅި، އެކުންފުނީގެ އެންމެ ފުރަތަމަ އިވެންޓް އިއުލާންކޮށްފި އެވެ.

މިފަހަކަށް އައިސް މަގުބޫލުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް؛ ކްލަބްހައުސްގައި އެލައިޑުން ބާއްވާ ސެޝަން ތާވަލްކޮށްފައިވަނީ 25 އޮގަސްޓް 2021، ރޭ 2030 އަށެވެ.

"ރައްކާވެތިބިއްޔާ"ގެ ނަމުގައި ސީރީޒްއެއް ގޮތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިއިވެންޓްގެ ފުރަތަމަ ސެޝަން ހާއްސަ ކުރުމަށް ހަމަޖެހިފައިވަނީ "ފަޔަރ އިންޝުއަރަންސް، ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓަރސް އޯލް ރިސްކް" އަށެވެ.

ގެދޮރާއި މުދަލުގެ ރައްކާތެރިކަން ފޯރުކޮށްދޭ އިންޝުއަރަންސް ހިދުމަތްތަކާއި ހިދުމަތްތައް ހޯއްދެވުމުގައި ބެއްލެވުން މުހިންމު ކަންކަމަށް އަލިއަޅުވާލައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެލައިޑުގައި މަސައްކަތްކުރައްވާ އިންޝުއަރަންސް ތަޖުރިބާކާރުން ކަމުގައި އެލައިޑުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ފަޔަރ ޑިޕާޓްމަންޓުގެ އިސްވެރިއެއް ގެސްޓް ސްޕީކަރއެއްގެ ގޮތުގައި ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

އެލައިޑުން އިންޝުއަރަންސް ކުންފުނިން ކްލަބްހައުސް އާއި ގުޅެން ނިންމި ނިންމުމާއި ގުޅިގެން އެކުންފުނިން ވިދާޅުވީ މިއީ އާންމުންގެ ތެރޭ އިންޝުއަރަންސް ހައްލުތަކާއި ބެހޭ މައުލޫމާތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން ބޭނުމަކީ ކްލަބްހައުސްގެ ޒަރިއްޔާއިން ވީހާވެސް ގިނަ ފަރާތްތަކަށް އިންޝުއަރަންސްގެ ސައްހަ މައުލޫމާތު ފޯރުކޮށްދީ ޒަމާނީ އަދި އީޖާދީ މަސައްކަތްތައް އެލައިޑުން ކުރުމުގައި އާންމުންގެ ހިޔާލު ހޯދާ މިފަދަ މަސައްކަތްތަކުގައި އާންމުންގެ ހިޔާލު އެކުލަވާލުމެވެ.

އެގޮތުން ކޮންމެ ބޭފުޅަކަަށްވެސް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމުގައި ވިދާޅުވެ، އެންމެހާ ބޭފުޅުންނަށް ސެޝަންގައި ބައިވެރިވުމަށް ދައުވަތު ދެއްވިއެވެ.