ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ އެވެ.

މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 23 އޯގަސްޓް 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ އެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 89 ޕަސެންޓް ވަނީ ނިމިފަ އެވެ.

މި މަޝްރޫޢުގެ ދަށުން، 25,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ނިންމާފައި ވެއެވެ. އަދި 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން 1,280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއެކެވެ.

މި މަޝްރޫޢުއަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.