ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޓިބެޓަށް ކުރެއްވި ދަތުރުފުޅު އޮތީ މިއަހަރުގެ ޖުލައި މަހުގައެވެ. ޝީގެ ދަތުރުފުޅުގައި އިންޑިއާ ޗައިނާގެ ބޯޑަރާ ކައިރިއަށް ޒިޔާރަތް ކުރެއްވިއެވެ. ޖުލައި 21 ވަނަ ދުވަހު، ޝީ ވަޑައިގަތީ، ލިންޒީ ކިޔާ އަވަށަކަށެވެ. ޝީގެ ދަތުރުފުޅާ ބެހޭ ވާހަކަ އޮތީ ކުރިންވެސް ސިސްރު ކުރެވިފައެވެ. އަދި ދަތުރުފުޅަށްފަހުވެސް މި ޚަބަރު އޮތީ ސިއްރު ކުރެވިފައެވެ. ޗައިނާގެ މީޑިއާގައި މިވާހަކަ ގެނަސްފައި ވަނީ ތިން ދުވަސް ފަހުންނެވެ. ސީޖީޓީއެން ގައި މިވާހަކަ ރިޕޯޓް ކޮށްފައި ވަނީ ޖުލައި 24 ގައެވެ.
ޗައިނާއިން ވަނީ ޓިބެޓްގެ ތަރައްގީއަށް މަސައްކަތްތަކެއް ކޮށްފައެވެ. ލިންޒީއަށް ލަހާސާއިން ދާން އޮންނަ ހައިވޭއަކީވެސް މިއަހަރު މަސައްކަތް ނިމުނު ހައިވޭއެކެވެ.
ޝީގެ ދަތުރުފުޅާ ގުޅިގެން ޓިބެޓްގައި ޗައިނާގެ ކަންކަން ދިރާސާކުރާ ފަރާތްތަކުގެ ސުއާލަކީ، ރައީސް ޝީ، އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްގެ ސަރަހައްދާ ކައިރިއަށް ސިއްރުސިއްރުން މި ކުރެއްވި ދަތުރުފުޅުގެ މާނައަކީ ކޮބައި ބާވައެވެ؟
މިނިވަން މުސްތަގިއްލު ސަރަހައްދެއްގެ ގޮތުގައި އޮތް ޓިބެޓް ހިފުމަށްފަހު ޗައިނާއިން ކޮށްފައިވާ މަސައްކަތަށް ގާނޫނީ ކުލަވަރެއް ދިނުމަށްޓަކައި ޗައިނާއިން ބުނަނީ ޓިބެޓްގެ ރޫހާނީ ލީޑަރު ދަލާއިލާމާގެ ނިޒާމުގެ އަޅުދާސްކަމުން ޓިބެޓް މީހުން މިނިވަން ކުރީ ޗައިނާ އިން ކަމަށެވެ.
ރައީސް ޝީގެ ދަތުރުފުޅާ ގުޅިގެން ޓިބެޓްގެ މީހުން އުފާފާޅުކުރި ތަނެއް ނުފެނެއެވެ. ނަމަވެސް މިދަތުރާ ދިމާކޮށް އަސް ރޭސްޖެހުމަށް ބޭއްވި ތަމްރީންތަކެއް ވީޑިއޯ ކުރި މީހުން ޖުރިމާނާ ކުރި ޚަބަރު މި ނޫހުގައި ވާނީ ގެނެސްދީފައެވެ.
ޗައިނާއިން ޓިބެޓްގެ ބަޔަކު ހައްޔަރު ކޮށްފި
ޗައިނާއިން ޓިބެޓް މީހުންގެ ފައުޖެއް ތަމްރީން ކުރަނީ
ޓިބެޓްގެ ސްކޫލު ކުދިންނަށް އަސްކަރީ ތަމްރީން ދެނީ
ޗައިނާގެ މާއްދީ އޮއިވަރުގައި، ބުދު ދީނުގެ ރޫހާނީ ޓިބެޓްގެ ސަގާފަތް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރަކީ ޓިބެޓްގެ ރައްޔިތުންގެ އަބަދުގެ އިހުސާސެވެ. ޓިބެޓް މީހުން ދެކޭ ގޮތުގައި ޗައިނާއިން ޓިބެޓް ހިފާފައި ވަނީ އަމިއްލަ ފައިދާ އަށެވެ. ގުދުރަތީ މުއްސަނދިކަން ފޭރިގަތުމަށްޓަކައެވެ. މައުދަންތަކާއި ފެން ނެގުމަށްޓަކައެވެ. އަދި އިންޑިއާއަށް ހަމަލައެއް ދޭން ޖެހޭ ހިނދު ފުންމައި ގަންނާނެ ބިމެއްގެ ގޮތުގައެވެ.
ރައީސް ޝީގެ ދަތުރުފުޅުގެ އަސްލު މަގްސަދަކީ، ލަހާސާއިން ލިންޒީއަށް އަޅާފައިވާ ރޭލްވޭ ބައްލަވާ ލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ އަސްކަރީ ބޭނުމަށް ޗައިނާއިން އިންޑިއާގެ ބޯޑަރާ ކަރިއަށް އަޅާފައިވާ ރޭލްވޭ އެކެވެ. އަމަލީ ގޮތުން މި ރޭލްވޭގެ ފުރަތަމަ ދަތުރުގައިވެސް އުފުލާފައި ވަނީވެސް ސިފައިންނެވެ. އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ޗައިނާ ސިފައިންގެ ފައުޖެއް، އަސްކަރީ ތަމްރީނަށް މި ރޭލުގައި އުފުލާފައި ވެއެވެ.
މި ދަތުރުފުޅުގައި ރައީސް ޝީ ޒިޔާރަތް ކުރެއްވި އަނެއް ސަރަހައްދަކީ، އިންޑިއާގެ ބްރަހަމަޕުތުރާ ކޯރުގައި ޗައިނާއިން އަޅާފައިވާ ންޔާންގ ބްރިޖެވެ. އިންޑިއާއަށް މި ކޯރުން ބެހިގެންދާ ފެންތައް ކޮންޓްރޯލު ކުރުމަށް ޗައިނާއިން ވަނީ މިތާގައި ޑޭމެއް އެޅުމަށް ނިންމާފައެވެ.
މިދަތުރުފުޅަށް ފަހު ޓިބެޓްގެ ވެރިރަށް ލަހާސާއަށް ރޭލުން ވަޑައިގެން ސިފައިންނާ ބައްދަލުކުރައްވައި، ޝީ ގޮވާލެއްވީ ހަމގުރާމައަށް ތައްޔާރަށް ތިބުމަށެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕްރޮޕެގެންޑާ ނޫސް، ގްލޯބަލް ޓައިމްސްއިން ވަނީ މިބައްދަލުވުމުގެ ވާހަކަ ރިޕޯޓް ކޮށްފައެވެ.
ޗައިނާ އިން ޓިބެޓްގެ ކަންތައްތަކާ ބެހި ހެދުމުން ދެކޮޅުވެރިން މުޒާހަރާކޮށް ނުރުހުން ފާޅުކޮށް ހަދައެވެ. އެހެންވެ، ޝީގެ ދަތުރުފުޅާ ދިމާކޮށް އެއްވެސް ބަޔަކު ނުރުހުން ފާޅުކޮށްފާނެތީ، މި ދަތުރުގެ ކުރިންނާއި ދަތުރުގެ ފަހުންވެސް މި ވާހަކަ އޮތީ ތިން ދުވަސް ވަންދެން ސިއްރު ކުރެވިފައެވެ. މިދަތުރުގެ ވާހަކަތައް ސިއްރު ކުރުމުން ދޭހަވަނީ، މިފަދަ ދަތުރަކާ ހެދި، ޗައިނާގެ ސަލާމަތީ ފަރާތްތަކުގެ ނުތަނަވަސްކަމެވެ.
2008 ގައި ޗައިނާއާ ދެކޮޅަށް ޓިބެޓްގައި މީހުން މުޒާހަރާ ކޮށްފައި ވެއެވެ. މިއީވެސް ޗައިނާއިން ހަނދާން ނައްތާލާނެ ހާދިސާއެއް ނޫނެވެ.
ޓިބެޓްގެ ރޫހާނީ ލީޑަރު ދަލާއިލާމާއަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އަދިވެސް މަގްބޫލު ލީޑަރެކެވެ.
މިއަހަރު އިންޑިއާ ޓިބެޓެން ކޯޕަރޭޝަން ފޯރަމް އިން ރާވާފައި ވަނީ އޮކްޓޯބަރ 20ގައި ޗައިނާއިން އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްއަށް 1962ގައި ދިން ހަމަލާއާއި 2020ގައި ލަދާކަށް ދިން ހަމަލާ ފާހަގަ ކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާށެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ސިފައިން އަރޫނާޗަލްގެ ސަރަހައްދުގައި ތިބޭ ތަނާ ދިހަ މޭލު ދުރުގައި އޮންނަ ޓަވާންގގައެވެ. މިއީ ސްޓްރެޓިޖިކް ޓައުނެކެވެ. އަދި ޗައިނާއިން ޗައިނާގެ ތަނެއްކަމަށް ދައުވާ ކުރާ ތަނެކެވެ. ޓަވާންގއަކީ ދަލާއިލާމާގެ ސަޕޯޓަރުންނަށް މުހިންމު އަވަށެއްވެސް މެއެވެ. މިއީ ހަވަނަ ދަލާއި ލާމާގެ އުފަން ޓައުނެވެ.