ރާއްޖޭގައި ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ތިން ލައްކަ އިން މައްޗަށް އަރައިފިއެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ ކޮވިޝިލްޑް ވެކްސިނާއި ސިނޯފާމް ވެކްސިނާއި އެސްޓްރަޒެނެކާ އަދި ފައިޒާ ވެކްސިނެވެ. ނަމަވެސް ފައިޒާ ވެކްސިން ދެނީ ވަކި ކެޓަގަރީތަކެއްގެ މީހުންނަށެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 476 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިފައެވެ. އެއާއެކު ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ ޖުމުލަ ވަނީ 300،064 އަށް އަރައިފައެވެ. ރާއްޖޭގައި މިހާތަނަށް 376،630 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ދަމަނަވެއްޓާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ޔޫތު ސެންޓަރުގައެވެ. އަދި ސިނޯފާމް ވެކްސިން ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލާއި ސެނަހިޔާގައެވެ. ފައިޒާ ވެކްސިން ދެމުން އަންނަނީ ނޭޝަނަލް އާޓް ގެލެރީ އާއި ވިލިމާލެ ޔޫތް ސެންޓަރުންނާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މިހާރު އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.