އަލްގައިދާގެ ހަނގުރާމަވެރިން އަފްޣާނިސްތާންގައި ތިބިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން އިއްޔެ ބުނެފިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރެސް ސެކްރެޓަރީ ޖޯން ކަރބީ ވިދާޅުވީ އަފްޣާނިސްތާންގައި އަލްގައިދާއާއި އައިސިސް ގެ ހަނގުރމަވެރިން ތިބޭކަމަށް އެމެރިކާއިން ވާނީ ކުރިންވެސް ވާހަކަ ދައްކާފައެވެ.
އަލްގައިދާ މީހުން ތިބިކަމަށް އެމެރިކާއިން ބުނިނަމަވެސް އެމީހުންގެ އަދަދު އަފްޣާނިސްތާންގައި އެހާ ގިނައެއް ނޫންކަމަށް ޕެންޓަގަން ބުނެއެވެ. އަދި އަލްގައިދާގެ ޖާސޫސީ މަޢުލޫމާތު އެއްކުރުމުގެ ކުޅަދާނަކަން އޮތީ ކުރިން އޮތް މިންވަރަކަށް ނޫން ކަމަށްވެސް އެފަރާތުން ބުނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވިދާޅުވެފައި ވަނީ އަލްގައިދާ ރޫޅިގެން ދިއުމުން، އަފްޣާނިސްތާންގައި އެމެރިކާ ސިފައިން ތިބުމުގެ މާނައެއް ނެތް ކަމަށެވެ.
ކަރބީވެސް ވިދާޅުވެފައި ވަނީ މީގެ 20 އަހަރު ކުރިން އެމެރިކާއަށް އަލްގައިދާއިން އޮތްވަރުގެ ނުރައްކަލެއް މިހާރަކު ނެތެވެ.
އެމެރިކާއާއި ތާލިބާނުން ދޯހާގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވަނީ އަލްގައިދާއާއެކު ތާލިބާނުން ގުޅުން ކަނޑާލުމަށާއި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނާ ދެކޮޅަށް އަފްޣާނިސްތާން ބޭނުން ކުރުމަށް ތާލިބާނުން ފުރުސަތު ނުދިނުމަށެވެ.