ތޫނު އެއްޗެއްސާއެކު އަރާ މަސްދޯންޏެއް ހައިޖެކް ކުރީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރާތީ ކަމަށް ފުލުހުން ބުނެފިއެވެ.

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކްކޮށްފައިވާ މައްސަލައިގައި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ގެ މަސްލަހަތު އޮތް ކަމަށް އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

ލ.ގަން ޕޮލިސް ސްޓޭޝަންގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އެދޯންޏަކީ ޖާބިރު ލ.ގަމުން ގަނެފައި އޮތް ދޯންޏެކެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް ޖާބިރު ފައިސާ ދައްކާފައިވާ ނުވާކަމަށާ ، ދޯނި ހައިޖެކް ކުރީ އެމައްސަލައިގައި ޖާބިރު ފައިސާ ނުދައްކާ ފިލައިގެން އުޅޭތީ ކަމަށް އެޕޮލިސް ސްޓޭޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ލ.ގަމުން ވާހަކަ ދެއްކި ދޯނީގެ ވެރިފަރާތުގެ ގާތް މީހަކު ބުނީ ދޯނީގެ ވެރި ފަރާތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަށް ދޯނި ވިއްކާފައިވަނީ 7 މިލިއަން ރުފިޔާއަށް ނަމަވެސް ޖާބިރު ދައްކަވާފައިވަނީ އެންމެ 7 ލައްކަ ރުފިޔާ ކަމަށް އެމީހާ މައުލޫމާތު ދިނެވެ. އަދި އެމައްސަަލއިގައި ކޯޓަށް ދިއުމުން ޖާބިރު ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި ޖާބިރު ފޯނަށް ޖަވާބުދާރީ ނުވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އެމީހާ ބުންޏެވެ. އަދި ޖާބިރު ދޯނި ބައްލަަވައިގަތީ ރިޔާސީ އިންތިހާބު ދުވަސްވަރުގައި ކަަމަށްވެސް އެމީހާ މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ ރޭ 11:55 ހާއިރު ލ.އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރިކުރުމުން އެދޯނި ލ.ގަން ތުނޑި އަށް ބަނދަރު ކުރުމުން ފުލުހުން ގޮސް ބެލިއިރު އެދޯންޏަށް އިތުރު ބަޔަކު އަރައިފައިވާ ކަމަށާ ނަމަވެސް އެއްވެސް މާރާމާރީ އެއް ހިނގާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެއްބަސްވުމަށް އަމަލުނުކުރާ ކަމަށްބުނެ ދޯންޏަށް ދިޔަ ކަމަށް ބެލޭ ބައެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުޤީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި މިއީ ޓެރަރިޒަމްގެ އަމަލެއް ކަަމަށް ބުނެ ދޯންޏަށް ހަތިޔާރާއި އެކު އެރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވުމުން އާންމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.