މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްއާރްއެމްއިން މި ނިންމުން ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައެވެ.ކޮންގްރެސްއާ ގުޅޭގޮތުން “އަވަސް” އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ރޭ ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށާ ނާއިބު ރައީސް އަދި އެހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ ކަމަށެވެ. މިހާރު އެ މަގާމުތަކުގައި ތިއްބެވީ ވަގުތީ ގޮތުން ތިއްބެވި ބޭފުޅުންނެވެ.މައުމޫން ވިދާޅުވި ގޮތުގައި އޮކްޓޫބަރު 2 ގައި މާލޭގައި ކުރިއަށް ގެންދާ ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްއާރްއެމްގެ މެންބަރުން ތަމްސީލު ކުރާނެ އެވެ. އެ ގޮތުން އެކި ރަށްރަށުން ޖުމްލަ 150 މަންދޫބުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންގްރެސްގެ މަންދޫބުންނަށް ވާން ބޭނުންވާ މެންބަރުންނަށް މިހާރު ވަނީ އެކަމަށް އެދުމަށް ހުޅުވާލާފައެވެ.