ކޭބަލް ކާރުގެ ވާަހަކަ ކިތަންމެ ބާރަށް ދެއްކިޔަސް ކާށިދޫގެ އެއްވެސް ތަނަކަށް ކޭބަލް ކާރުގައި ދަތުރުކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި ޖާބިރުވަނީ ކޭބަލް ކާރު އެޅުމަށް ޕްލޭންކޮށް، ސަަރުކާރަށް އޭނާ ހުށަހެޅުއްވުމުން ސަރުކާރުގެ ޕްލޭންގައި އެކަން ނުހިމަނުއްވަނީ ކީއްވެތޯ އެވެ. އަދި ކާށިދޫގައި އަޅާނެ އެއާޕޯޓެއް ވެސް އޭނާ ޕްލޭން ކުރައްވައި ހުށަހަޅުއްވާފައިވާނެ ކަމަށާއި އެކަމަށް ސަރުކާރުން އެއްބާރުލުން ނުދެނީ ކީއްވެތޯ ވެސް ޖާބިރު ސުވާލު ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޕްލޭންގައި ކޭބަލް ކާރުގެ ކަންތައް ނުހިމަނަނީ އެއީ ފީސިބަލް ކަމަކަށް ނުވާތީ ކަމަށެވެ.
"ހަމަ އެއްގޮތަކަށް ވެސް ހަމަބުއްދީގައި ހުރެގެން އަޅުގަނޑު ގަބޫލެއް ނުކުރަން ކާށިދޫން އެއްވެސްް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއްގެ ގޮތުގައި. ދިވެހި ރައްޔިތުންނަށް ސާފުކޮށްް އެނގެން ޖެހޭ މި ޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކެވިޔަސް އެއީކީއެއް ވާނެ ކަމެއް ނޫން ކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމަކަށް. އެއީ ކުރަން ހެޔޮވާނެ ކަމެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ޖާބިރު ނިޒާމީ ނުކުތާ ނަންގަވައި ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ކޭބަލް ކާރުގައި މިހާރު ވެސް ދަތުރުކުރާ ކަމަށެވެ
ޖަވާބުގައި އަސްލަމް ވިދާޅުވީ ކާށިދޫއަކީ ޕެރިސް ނޫން ކަމަށެެވެ.
ކާށިދޫން ގާފަރަށް ކޭބަލް ކާރުގައި ދަތުރުކުރެވޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. ކާށިދޫގައި އެއާޕޯޓެއް އަޅުއްވަން ވެސް އޭނާ ވައުދުވެވަޑައިގަތެވެ.
އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެ ވަޑައިގަތީ ގއ. ކޮލަމާފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.