މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް، އަބްދުﷲ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ޖަޕާނުގެ ބޮޑުވަޒީރު ސުގާ ވަނީ، ޔޫއެންގެ ޖެނެރަލް އެސެމްބަލީގެ ރައީސްކަމަށް ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވަރަށް ބޮޑު ތާޢީދަކާއެކީ އިންތިޚާބު ވެވަޑައިގެންފައި ވާތީ، ޝާހިދަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އަދި ޖަޕާނުގެ ބޮޑުވަޒީރު ވަނީ، ޔުނައިޓެޑް ނޭޝަންއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތައް ހައްލު ކުރުމުގައި، ޝާހިދުގެ ލީޑަރޝިޕްގައި މަސައްކަތް ކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޝާހިދުވަނީ، ޖަޕާން ސަރުކާރުން އެމަނިކްފާނަށް، ޔޫއެން ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވައި، އަދި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ރަގަޅު ކުރުމަށާއި އަދި ޔޫއެންއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކާ، ޖަޕާނުގެ ބޮޑުވަޒީރަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި، ބޮޑުވަޒީރު ސުގާ ދެއްކެވި ވާހަކަފުޅުގައި، ޝާހިދުގެ ރިޔާސަތުގައި، ޔޫއެންގެ ސެކިއުރީޓީ ކައުންސިލަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ޖަޕާނުން އުއްމީދުކުރާ ކަމަށް ވިދާޅުވެފައި ވެއެވެ. ސުގާ ވިދާޅުވި ގޮތުގައި، ޔޫއެންގެ ސެކިއުރިޓީ ކައުންސިލް މިހާރު އޮތީ، ދުނިޔޭގެ މިހާރުގެ ސިޔާސީ ހަގީގަތުގެ މައްޗަށް ނޫންކަމަށާއި، ސެކިއުރިޓީ ކައުންސިލަށް ގެންނަން ޖެހޭ އިސްލާހުތައް ވީހާވެސް އަވަހަށް ގެނައުމަކީ، ޖަޕާނުން އުއްމީދުކުރާ ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

ބައްދަކުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ވިދާޅުވެފައިވަނީ، ޔޫންއެއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަކީ، އެމަނިކްފާނު ރިޔާސަތަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި މައިގަޑު 5 ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުކަން ފާހަގަކުރައްވާ، ޔޫއެންއަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ، އަފްއާނިސްތާނުގެ މިހާރުގެ ޙާލަތާގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމަޢު ގުޅިގެން އަފްއާނިސްތާނުގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ދެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި މީގެއިތުރުން، އުތުރުކޮރެއާގެ ހާލަތާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި މީގެއިތުރުންވެސް، ކޯވިޑް ކާރިސާއިން އަރައިގަނެވުމަށްފަހުވެސް ހާލަތު ރަގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އެއްބާރުލުން ދީގެން މަސައްކަތް ކުރުމަށް ދެބޭފުޅުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ.