އަފްޣާނިސްތާންގެ ތާލިބާން ސަރުކާރު ބަލައި ގަތުމަށް ޗައިނާއިން އަވަސްވެ ނުގަންނާނެ ކަމަށް ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ބުނެފިއެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާއެކު ތާލިބާނާއެކު އެންމެ ފުރަތަމައަށް ވާހަކަ ދައްކަން ފެށި ގައުމަކީ ޗައިނާއެވެ.
ކުރިން ހީވެފައި އޮތީ ޗައިނާއިން ދެންމެ ދެންމެ ތާލިބާން ސަރުކާރު ބަލައިގެންފާނެ ހެންނެވެ. ނަމަވެސް ކާބުލް އެއަރޕޯޓަށް އައިސިސް އިން ދިން ހަމަލައާ ގުޅިގެން ޗައިނާގެ ވިސްނުން ބަދަލުވީ ކަމަށް ބެލެވެއެވެ.
ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ކަމުވޮށިގެންވާ ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ ޗައިނާއިން އަފްޣާން ތާލިބާނާއެކު ވާހަކަތައް ބާއްވަމުން ގެންދާނެ އެވެ. ނަމަވެސް ދިމާވާން ހުރި ނުރައްކަލގެ އަލީގައި ޗައިނާއިން ދެކެނީ އަފްޣާނިސްތާންގައި ނިރުބަވެރިކަން ކުރިއަށް އޮތްތާނގައި އިތުރު ވާނެ ކަމަށެވެ.
ޗާއިނާ އިން ބުނެފައި ވަނީ އެމެރިކާއިން ގެންގުޅޭ ސިޔާސަތާ ޚިލާފަށް ޗައިނާއިން ހަން ފެތުރުމަށް ސިފައިންގެ ފައުޖެއް ނުފޮނުވާނެ ކަމަށެވެ. އަދި އަފްޣާނިސްތާންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. ނަމަވެސް ބޭނުންތެރި ގޮތަކަށް ތާލިބާނާއެކު މަޝްވަރާތައް ބާއްވަމުން ގެންދާނެ ކަމަށެވެ.
ތާލިބާނުންވެސް ބުނެފައި ވަނީ އެ ޖަމާއަތުގެ ހައްދުފަހަނައަޅައި ދިއުމާއި ބައެއް ވައްހާބީ ސިފަތައް ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަންކަން ތާލިބާންގެ ސުލޫކަށް ތަރުޖާމާ ކުރެވިފައެއް ނުވެއެވެ.
ނިމިދިޔަ ހަފްތާގައި ގަތަރުގައި ހުންނަ ޗައިނާ އެމްބެސެޑަރު ވަނީ ތާލިބާންގެ މަސްއޫލުވެރިންނާ ގަތަރުގައި ބައްދަލު ކުރައްވާ ފައެވެ. އަދި ޗައިނާ އެމްބެސެޑަރު ވަނީ ޤަތަރުގެ ފޮރިން މިނިސްޓަރާ ވެސް ބުރާސްފަތި ދުވަހު ބައްދަލު ކުރައްވާފައެވެ.
ޗައިނާގެ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާއިން ތާލިބާނާ މެދު ގޮތެއް ނިންމާނީ ބައިނަލްއަގްވާމީ މުޖުތަމައިން ތާލިބާނާ މެދު ކަން ކުރާ ގޮތެއް ބަލާފައެވެ.