ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހާއި ހުރިހާ ބްރާންޗްތަކެއްގެ މުވައްޒަފުން ގުޅިގެން އެކުންފުނީގެ ހުރިހާ ބުރާންޗު ތަކެއް ސާފު ކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ފަށައިފިއެވެ.

މި ހަރަޖާތުގައި ފެނަކަ ހެޑް އޮފީހާއި، އަތޮޅުތެރޭގައި ހުރި ޖުމްލަ 154 ބްރާންޗްގެ މުވައްޒަފުން ބައިވެރިވަމުންދާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މިހަރަކާތް ހިންގުމަށް ރާވާފައިވަނީ 28 އޮގަސްޓް 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އިން މެންދުރުފަހު 16:00 އާ ހަމައަށް ކަމަ ވެސް އެކުންފުނީން ވިދާޅުވިއެވެ.

މިހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުންފުނިން ޚިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާހައުލަކީ ސާފުތާހިރު މާހައުލަކަށް ހެދުމެވެ. އޭގެ އިތުރުން އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުން ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުންއަންނަ ކުންފުންޏެކެވެ. އެހެން ކަމުން އެ ކުންފުނީގެ ޚިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނާއި އަދި ހަމައެފަދައިން އެޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ އެ ކުންފުނީގެ ހީވާގި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް ފަނަކައިން ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ކުރުމަށް ރޭވިފައިހުރި ކަންކަމުގެ ތެރެއިން މައިގަނޑު ކަންކަންމަކީ، އިލެކްޓްރިކަލް ސޭފްޓީ، ގުދަންކުރުން، ކެމިކަލް ސްޓޯރޭޖް އަދި ސޭފްޓީ، ކޮމްޕްރެސްޑް އެއަރ އަދި ކޮމްޕްރެސްޑް ގޭސަސް ފަޔަރ ޕްރިވެންޝަން، ހަޒާރޑަސް ވޭސްޓް އާއި މެޓީރިއަލް ޑިސްޕޯސަލް އަދި ރިސައިކްލިންގ، މެނުއަލްސް، ޓްރެއިނިންގްސް، އެސްއޯޕީސް، ސޭފްޓީ ޑާޓާ ޝީޓްސް، ޖެނެރަލް ވޯރކް އެންވަޔަރަމެންޓް އަދި އިންޑޯރ އެއަރ ކޮލިޓީއެވެ.

މީގެ އިތުރުން އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަޤީންކުރުމާއި، ތެޔޮ ރައްކާކޮށް ބެހެއްޓިފައިވަނީ އީ.ޕީ.އޭ ގެ ޤަވާޢިދާ އުސޫލުގެ ތެރެއިންތޯ ބެލުމެވެ. އޭގެ އިތުރުން ކެމިކަލްތައް ރައްކާކުރެވިފައިހުރީ ރަނގަޅަށް ލޭބަލްކުރެވިފައިތޯއާއި މުއްދަތު ހަމަވެފައިހުރި ތަކެތި އުކާލެވިފައިވެތޯ ބެލުމާއި، ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައިތޯ ބެލުމާއި، ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުން އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައިހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުމެވެ.

މީގެ އިތުރުން ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސް ނޭޅޭގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުމާއި، ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ އަދި އެތަކެތި ރައްކާކުރެވިފައިހުރީ ސޭފްޓީ ކޭންސް ގައިތޯ އާއި، ބެހެއްޓިފައިހުރީ ހަމައެކަނި އެވަގުތު މަސައްކަތްކުރަން ބޭނުންވާ މިންވަރަށްތޯ ބެލުމާއި އެޗް.އައި.ޑީ އަދި މާރކިއުރީ ވޭޕާރ ލޭމްޕްސް ފަދަ ހަޒާރޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބެލުމާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ބެލުމެވެ.

"ތިމާވެށި ހިމާޔަތްކުރުމަކީ ޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެކެވެ."