ފެނަކައިގެ މުވައްޒަފުން ތަމްރީނު ކުރުމަށް ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން ހދ. އަތޮޅާއި ހއ. އަތޮޅުގައި ކޯހެއް ފަށަން ނިންމައިފިއެވެ. މިއަދު ވަނީ މިކޯހުގެ އޮރިއެންޓޭޝަން ބާއްވައިފައެވެ. ކޯސް ފަށާނީ މާދަމާއެވެ.

ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ގެ ނަމުގައި ފެނަކައިގެ މުވައްޒަފުންނަށް ހިލޭ ހިންގާ މި ކޯހަކީ މޯލްޑިވްސް ސްކިލް ޑެވެލޮޕްމެންޓް އޮތޯރިޓީއިން އެޕްރޫވްކޮށްފައިވާ ނޭޝަނަލް ލެވެލް 3 ގެ ކޯހެކެވެ.

ފެނަކައިގެ މުވައްޒަފުން ތިބޭ 16 އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފުރަތަމަ ފެށުމަށް ހަމަޖެހިފައިި މިވަނީ ހއ. އަދި ހދ. ގެ ފެނަކައިގެ 32 މުވައްޒަފުންނަށެވެ. އެއީ ހދ. އިން ބައިވެރިިވާ 20 މުވައްޒަފުންނާއި ހއ. އިން ބައިވެރިވާ 12 މުވައްޒަފެކެވެ.

ފެނަކައިން ވިދާޅުވީ ތިއަރީ ބަޔާއި ޕްރެކްޓިކަލް ބައި ހިމެނޭ މި ކޯހުގެ މުއްދަތަކީ ހަތަރު މަސް ކަމަށެވެ. ތިއަރީ ކްލާސްތައް ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށް އެކުންފުނީން ވިދާޅުވިއެވެ. އަދި ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދާނީ ވަކި ރަށަކަށް ގޮސްގެންނެވެ. ޕްރެކްޓިކަލް ބައި ފުރިހަމަ ކުރުމަށް ހއ. އަތޮޅުގެ މުވައްޒަފުން ދާނީ ކެލާ އަށެވެ. ހދ. އަތޮޅުގެ މުވައްޒަފުން ދާނީ ކުޅުދުފުށްޓަށެވެ.

ކޯހުގެ ތިއަރީބައި ހަފްތާއަކު ފަސް ދުވަހު ކުރިއަށް ދާނެއެވެ. އެއިން ކޮންމެ ދުވަހަކު ކުލާސް ކުރިއަށްދާނީ ދެ ގަޑިއިރަށެވެ. ޕްރެކްޓިކަލް ކުލާސް ވެސް ހަފްތާއަކު ފަސް ދުވަހު ކުރިއަށްދާނެއެވެ. އެ ކުލާސްތައް އެއިން ކޮންމެ ދުވަހަކު 6 ގަޑިއިރަށް ކުރިއަށްދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.