އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެ އެވެ.

މިމަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި ވައު އައްސާ ބުޅި ހަރުކުރުމުގެ މަސައްކަތް ވަނީ މިހާރު ނިމިފަ އެވެ. އަދި މިހާރު ކުރިޔަށް ދަނީ ބަނދަރުގެ ޕޭވްމަންޓް މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ. އަދި 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

މިއީ 19.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.