32،000 އަށް ވުރެ ގިނަ ދަރިވަރުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖަހައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 32،554 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. ސްކޫލްތަކުގައި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވަނީ ދީފައެވެ.