ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މޯލްޑިވްސް ނެޝަނަލް ޕާޓީ (ޑީއެންއޭ) އާ ގުޅިވަޑައިގަތުމަަށް ނިންމަވައިފި އެވެ.

އެކަން ހާމަކުރައްވާ ދުންޔާ މައުމޫން ހިއްސާ ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވަނީ އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ. އަދި ހުޅުވިފައިވާ ފުރުސަތުތަކެއް އެ ޕާޓީ ތެރޭގައި އެބަ އޮތް ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރކަން ވެސް ކުރައްވާފައިވާ ދުންޔާ މައުމޫން މި ފަހަކަށް އައިސް ފެނިފައިވަނީ ސިޔާސީ ހަރަކާތެއް ކަމަށްވާ “ދިވެހި ނެޝަނަލް އެކްޝަން” (ޑީއެންއޭ) ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރެވެ.

އެހެންނަމަވެސް ދުންޔާގެ މި ނިންމެވުމުން ގިނަބަޔަކަށް ވަނީ ހައިރާންކަން މެދުވެރިވެފަ އެވެ.

https://twitter.com/dunyamaumoon/status/1432324780477149189

އެމްއެންޕީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވުޖޫދުވި ފަހުން ސިޔާސީ އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައް ވެސް ވަނީ އެ ޕާޓީއާ ގުޅިފަ އެވެ. އެގޮތުން އަދާލަތު ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެ، ޖެންޑަރ މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ސިދާތާ ޝަރީފު ވެސް ވަނީ އަދާލަތު ދޫކުރައްވާ އެމްއެންޕީ އާ ގުޅިވަޑައިގެންފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބް އާއި އޭނާގެ ފިރިކަލުން މުހައްމަދު މަނިކު ވެސް ވަނީ އެމްއެންޕީ އާ ގުޅިފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުސާމް އަށެވެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އުސާމް އަށް، އިލެކްޝަންސް ކޮމިޝަނުން މިދިޔަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.

ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭ4) އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް އިސްދައުރެއް އަންނަނީ އަދާ ކުރައްވަމުން ނެވެ.

އެމްއެންޕީ އިން ބުނެފައިވަނީ އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާ ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރު 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަކަަމަށް ވެސް އެ ޕާޓީ އިން ބުނެ އެވެ.