ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓުން ހޮވިއްޖެ އެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ކެންޑިޑޭޓުން ހޮވުމަށް ސިއްރު ވޯޓެއް ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް 18 ކެންޑިޑޭޓަކު ކުރިމަތިލިއެވެ. އެ މަޖިލީސް ހިމެނެނީ ނުވަ މެންބަރުންގެ މައްޗަށެވެ.

މި އިންތިހާބަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނުވަ ފަރާތަކަށް ތާއީދު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ ނުވަ ފަރާތަކަށް ތާއީދު ކުރައްވައިފައެވެ. އަދި އިންތިހާބަށް ރައީސް ސޯލިހާއި ނަޝީދުގެ ފަރާތުން ވަނީ އެ ބޭފުޅުން ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮއްވެވުމަށް އެތެރޭގެ ކެންޕެއިނެއް ކުރައްވައިފައެވެ.

އޭގެ ތެރެއިން ކޮމެޓީއަށް އިންތިހާބުވެފައިވަނީ:1. އަހްމަދު ރިޝްވާން2. ފާތިމަތު އިނާޝާ3. ހުސެއިން ރަޝީދު4. އިބްރާހިމް މުހައްމަދު ދީދީ5. އަހްމަދު މައުރޫފު6. ނައުޝާދު އަބްދުލް އަޒީޒް7. އަހްމަދު ނިޝާދު8. އާދަމް މާހިރު9. އަނަސް އަބްދުއް ސައްތާރު

މި ބޭފުޅުންގެ ތެރޭގައި ހިމެނޭ އެންމެ އަހްމަދު ރިޝްވާން، ފާތިމަތު އިނާޝާ، ހުސައިން ރަޝީދު، އިބްރާހީމް މުހައްމަދު ދީދީ، އަހްމަދު މައުރޫފް، ނައުޝާދު އަބްދުލް އަޒީޒް، އަހްމަދު ނިޝާދު، އާދަމް މާހިރު އަދި އަނަސް އަބްދުއްސައްތާރަކީ ރައީސް ސޯލިހު ތާއީދު ކުރެއްވި ކެންޑިޑޭޓުންނެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކީ ގާނޫނީ ވަކީލަކަށްވާން ޖެހެ އެވެ. އެ މަޖިލީހަށް އިންތިހާބުކުރި ނުވަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ އެ މަޖިލީހުގެ ރައީސްގެ ޝަރުތު ހަމަވާ ގާނޫނީ ވަކީލުންނެވެ. އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ތެރެއިން ނެގޭ ވޯޓަކުންނެވެ.