ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް 15 އޯގަސްޓް 2021 ވަނަ ދުވަހު ފެށިއްޖެ އެވެ.

މި މަޝްރޫޢުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.. އަދި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މިއީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.