ރާއްޖެއިން އުމްރާއަަށް މީހުން ގެންދާ ކުންފުނިތަކަަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުއްދަތު އިތުރުކޮށްފައިވަނީ އެއްއަހަރު ދުވަހަށް ކަމަށެވެ. އަދި މިހާރު ހުއްދަ އިތުރުކޮށްދީފައިވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ހުއްދަ އިތުރުކޮށްދިނީ ކޮވިޑް 19ގެ ސަބަބުން މިދިޔަ އަހަރާއި މި އަހަރުގެ މިހާ ހިސާބަށް، އެ ކުންފުނިތަކަށް ޢުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުޞަތެއް ލިބިފައި ނުވާތީ އެވެ. އަދި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

ރާއްޖެއިން ޢުމްރާއަށް މީހުންގެންދިއުމަށް 37 ކުންފުންޏަކަށް ވަނީ ހުއްދަ ދީފަ އެވެ.

އޮގަސްޓްމަހުގެ 10 ވަނަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީއަށް އެތެރެވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ. މުހައްރަމު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ޤައުމަކުން ފިޔަވާ ހުރިހާ ޤައުމަކުން އުމްރާއަށް މީހުން ގޮވައިގެން ސީދާ ދަތުރުތައް އެޤައުމަށް ކުރެވޭނެ ކަމަށް ވެސް އެ ގައުމުން ބުނެފައި ވެއެވެ.

އުމްރާއަށް އަންނަ މީހުން މައްކާގެ ޙަރަމްފުޅާއި މަދީނާގެ ނަބަވީ މިސްކިތަށް ވަނުމަށް ރިޒަރވޭޝަން ހައްދަންޖެހޭއިރު، ސައުދީން ފުރާނެ ތާރީޚު ވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.

އުމްރާކުރުމަށް ސައުދީއަށް ދެވޭނީ އެޤައުމުގެ ސަރުކާރުން ކަނޑައަޅާ ވަކި ޤައުމުތަކަށެވެ. އަދި ހުއްދަދޭ ޤައުމުތަކުން އުމްރާއަށް އަންނަ ކޮންމެ ގްރޫޕެއްގައި ގެންދެވޭނީ ގިނަވަގެން 50 މީހުންކަމާއި ގްރޫޕަކާއި ނުގުޅި އުމްރާއަށް ނުދެވޭނެކަމަށް ވެސް ސައުދީ ސަރުކާރުން ބުނެފައި ވެއެވެ.