އެމްޑީޕީއަށް ބާރުލިބޭ ކޮންމެ ފަހަރަކު ދިވެހިން ދުރަށްލުމަށްފަހު އިސްކަންދެނީ ބިދޭސީންނަށް ކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޮންސަލްޓެންޓެއްގެ މަޤާމަށް އެ ކުންފުނީގެ ސީއީއޯގެ ގާތް ފަރާތެއް ހަމަޖެއްސާފައިވާތީ، އެކަމަށް ޢިޝާރާތް ކުރައްވަ އެވެ.

ސައީދު މިހެން ވިދާޅުވެފައިވާ އިރު، އެމްއޭސީއެލްގެ އިސްވެރިންގެ މަޤާމުތަކަށް އައު ސީއީއޯ، ގިނަ އަދަދަކަށް ބިދޭސީން އައްޔަންކުރަމުންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުން ނެވެ.

ޤައުމު ހުއްޓިފައި މިވަނީ އެއްވެސް ތަޖުރިބާއެއް ނެތް މީހުން ރައީސް އޮފީހުގައި ތިއްބެވުމުންކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި އެމްއޭސީއެލްގެ ކޮންސަލްޓެންޓުގެ މަޤާމަށް ހަމަޖައްސާފައިވަނީ ލިންސޭ ޑަބްލިއު ނަމަކަށް ކިޔާ ބޭފުޅެކެވެ. އޭނާއަކީ ސީއީއޯ ގޯޑަންއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއްކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެމްއޭސީއެލްގެ ހިންގުމުގެ ނިޒާމަށް ބޭރުގެ ފަރާތްތައް އައްޔަންކުރާތީ އެ ކުންފުނީގެ ބައެއް މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ބިދޭސީން އިސް މަޤާމުތަކަށް ހަމަޖައްސަމުންދަނީ ތައުލީމާއި ތަޖުރިބާގެ ގޮތުން އެމީހުންނާ ވާދަކުރެވޭ ފެންވަރުގެ ދިވެހިން ކުންފުނީގައި ތިއްބައިކަމަށްވެސް އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ބުނެއެވެ.