ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ސަރުކާރުން ކުރިޔަށްގެންދާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު މީޑިޔާއާ ހިއްސާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން މަބްރޫކް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވޭތުވެދިޔަ މަހު އިތުރު ވެފައިވާކަމަށާއި އަދި ރަށްރަށުގައި ކުރިޔަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް ކުރިޔަށްވުރެ ބާރު ސްޕީޑުގައި މިހާރު ކުރިޔަށްދާކަމުގައެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން (އެމްޑަބްލިއުއެސްސީން) 27 މަޝްރޫޢެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިޔަށްގެންދާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ފެނުގެ މަޝްރޫޢުތަކާއި ނަރުދަމާގެ މަޝްރޫޢުތައްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިޔަށްގެންދާ އިންޖީނުގެތައް ރީލޮކޭޓް ކުރުމާއި އައު އިމާރާތްތައް އެޅުންފަދަ 19 މަޝްރޫޢެއްގެ މަސައްކަތް ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ނިންމައި އިތުރު 10 ރަށެއްގައި މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން (އެމްޓީސީސީ) ރާއްޖޭގެ އެކިކަންކޮޅުގައި ކުރިޔަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން މަބްރޫކް ވިދާޅުވީ އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައި އިތުރު ހަތަރު ރަށެއްގައި އެ ކުންފުނީގެ މަޝްރޫޢުތައް ކުރިޔަށްދާކަމުގައެވެ.

މީގެ އިތުރުން ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ލައިން އޮފް ކްރެޑިޓް( އެލް.އޯ.ސީ) އެއްބަސްވުމެއްގައި މާދަމާގެ ވަގުތެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައި މަބްރޫކް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ހދ. ކުމުންދޫއާ ތ. ކަނޑޫދޫގައި ޔޫތު ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތާއި ގަލޮޅު ދަނޑު އިތުރަށް ތަރައްޤީކުރުމާއި ނެޝަނަލް ބާސްކެޓް ބޯޅަ ސެންޓަރެއް ތަރައްޤީކުރުމާއި ނޭޝަނަލް ޓޭބަލް ޓެނިސް ސެންޓަރެއް ތަރައްޤީކުރުމާއި ސިންތެޓިކް ޓްރެކް ގދ. ތިނަދޫއާއި ކުޅުދުއްޓާއި އައްޑޫސިޓީގެ ހިތަދޫއާއި ފުވައްމުލަކު ސިޓީގައި ޤާއިމުކުރުމާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މި ކަންކަމުގެ އިތުރުން ލ. ގަމުގައި ތަރައްޤީކުރާ ކެންސަރ ހޮސްޕިޓަލުގެ ޑީޓެލް ޕްރޮޖެކްޓް ރިވިއު ހެދުމަށް އަންނަ ހަފްތާގައި ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ކޯވިޑް 19ގެ ވެކްސިން ދިނުމުގެ ކަންކަންކުރިޔަށްދާގޮތުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ 18 އަހަރުން މަތީގެ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގައި ވެކްސިންގެ އެއްވެސް ޑޯޒެއް ނުދެވި މިހާރު ތިބީ ތިރީހަކަށް ހާސް މީހުންކަމުގައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހުންކަމަށާއި ދެން ހިމެނެނީ ދާންމަތިވެފައިވާ ބަލި މީހުންގެ ތެރެއިން އެކި ސަބަބުތަކާހުރެ މިހާތަނަށް ވެކްސިން ނުދެވިތިބި މީހުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ 18 އަހަރުން މަތީގެ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން މިހާތަނަށް 85 އިންސައްތަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި 12 އަހަރުން މަތީގެ ވެކްސިން ޖެހޭ އާބާދީގެ 84 އިންސައްތަ ފަރާތަށް މިހާތަނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

މި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ހުށަހެޅި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.