ނ. ވެލިދުއަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނިގޮތުގައި މިއީ އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ޑިމާންޑާ އެއްވަރަށް ކަރަންޓު ދޭން ގެންދެވުނު ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރު އެރަށްގެންދިޔައީ އިއްޔެއެވެ.

ފެނަކައިގެ ވެލިދޫ ބްރާންޗުން ބުނީ އެ ރަށުގެ 2600 މީހުންގެ އާބާދީއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން، ލޯޑު ބޮޑުވެ ކަރަންޓުކަނޑައިގެން ދިއުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވާ ކަމަށާއި މި ޖަނަރޭޓަރުގެ ސަބަބުން މިފަދަ ކަންކަން ހައްލުވާނެ ކަމަށް އެ ބްރާންޗުން ބުންޏެވެ.

މި ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓު ދޭން ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.