މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑާލް ސަސްޕެންޑް ކޮށްފި އެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އެހެންނަމަވެސް މާގާމުން އޭނާ ސަސްޕެންޑު ކުރީ ސީދާކޮން ސަބަބަކާހުރެ ކަމެއް ހާމަވާގޮތެއް އަދިނުވެއެވެ.
އޭނާ އޮފީހަށް ނުނިކުންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޕެންޝަން ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޖޯން ގްރިންޑާލް ގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ހަލި ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖޯން ގްރިންޑާލް އާމެދު އެ އޮފީހުގެ މުވައްޒަފުންގެ ހުރި ހިތްހަމަ ނުޖެހުން ހާމަކޮށް ވަނީ ޕެޓީޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ.