މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 75ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވޮލްކަން ބޮޒްކިރް އާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ބައްދަލުކުރައްވައިފިއެވެ.ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު، ބޮޒްކިރް އަށް އަރުވާފައެވެ. އަދި ބޮޒްކިރްވެސް ވަނީ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން މިހިނގާ ދައުރު ނިމެންދެން، އަދި އޭގެ ފަހުންވެސް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޢާއްމު މަޖިލީހުގެ ރައީސްގެ އިތުރުން އދގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި އަދި އެކި ޤައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުުކުރެއްވިއެވެ. އެގޮތުން ޔޫއެން އިކޮނޮމިކް ކޮމިޝަން ފޮރ ޔޫރަޕްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އދގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އޮލްގާ އަލްގަޔެރޮވާ އާއި ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރ މައިމޫނާ މުހައްމަދު ޝަރީފްގެ އިތުރުން ޑެންމާކް، ފިޖީ، ސްލޮވާކިއާ، އެލްސެލްވަޑޯ އިން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި އިއްޔެ ނިއުޔޯކްގައި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު އިއްޔެ ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެގްޒެކެޓިވް ޓީމްއާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ރާއްޖޭގ 17 ޑިޕްލޮމެޓިކް މިޝަން ހިންގަވަން ތިއްބެވި ސަފީރުންނާ ވަރޗުއަލްކޮށް ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ޓީމް ޚާރިޖީ އޮތީ ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖެ އަކީ ފަޚުރުވެރި ޤައުމަކަށް ހަދަން ތައްޔާރަށްކަމަށެވެ.

- ޚަބަރާއި ފޮޓޯ: ފޮރިން މިނިސްޓްރީ