ރިޔާސީ ނިޒާމު ނޫން ނިޒާމަކަށް ތާއީދު ކޮށްފައި ނުވާނެކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.

އެމްއާރްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލިއިރު، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށާއި ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަށް އެމް.ޑީ.ޕީން ހުށަހަޅައިގެން އެކަމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެކަންކަމަށް އެމް.އާރް.އެމް ކަނޑައެޅިގެން ދެކޮޅުހަދާފައިވާނެކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލާ ނިމުނުއިރު އެކަންކަން ހިމަނާފައި ނުވާނެ ކަމަށް ބުނެފައިވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެނިފެސްޓޯއަކީ ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ހިޔާލާއި މަޝްވަރާއަށް ފަހު، ހުރިހާ ފަރާތްތަކަށް އެއްބަސް ވެވުނު ގޮތަށް އެކުލަވާލާ އިއުލާން ކުރެވުނު މެނިފެސްޓޯއެއްކަން ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ ކޯލިޝަން ސަރުކާރެއް އިންތިޚާބުކުރީ އެ ޖޮއިންޓް މެނިފެސްޓޯ ތަންފީޒު ކުރުމަށްކަމަށެވެ.

"އެމް.އާރް.އެމް އިން އޭރުވެސް އަދި މިހާރުވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށެވެ. އަދި ރާއްޖޭގައި އޮންނަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމުކަމަށް 2007 ގައި ދިވެހި ރައްޔިތުންވެސް ވަނީ ނިންމާފައެވެ. އެހެންކަމުން، ދައުލަތް ހިންގުމުގެ ތިންބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމު ފިޔަވައި އެހެން ނިޒާމަކަށް އެމް.އާރް.އެމް ތާއީދު ނުކުރާ ކަމަށާއި، އެނޫން ގޮތަކަށް އެއްވެސް ފަރާތަކާ އެކު އެއްބަސް ވެފައިވެސް ނުވާނެކަން ލޮބުވެތި ދިވެހި ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ." އެމްއާރްއެމްއިން ނެރުނު ނޫސްބަޔާނުގައިވެއެވެ.

އެމްއާރްއެމުން މިފަދަ ބާޔާނެއް ނެރެފައިމިވަނީ، އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަމުން، ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އަދާލަތު އަދި އެމްއާރްއެމް އިން ތާއީދުކުރި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.