ލ. މާބައިދޫގައި ލޯކަލް ޓޫރިޒަމް ވީހާވެސް އަވަހަށް ފަށަން ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެރަށު ކައުންސިލުން މިހެން ބުނީ ނައިބު ރައީސް ފައިސަލް ނަސީމް އާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި މިކަން އަވަހަށް ފަށައިގަތުމަށް ސަރުކާރުން އެހީތެރިވުމަށް ވަނީ އެދިލައްވާފަ އެވެ. އަދި ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމުގައި ވެސް ވަނީ ދަންނަވާފަ އެވެ.

އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭންއާއި، މާބައިދޫ ރައްޔިތުންނަށް ދިމާވާ ދަތިތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަނ ީ ޙިއްޞާކުރައްވާފަ އެވެ.

އެގޮތުން، ރަށްގިރުމުގެ މައްސަލައާއި، ތަޢުލީމީ ދާއިރާގައި އޮތް މުވައްޒަފުންގެ ދަތިކަމާއި، ބައެއް ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ކައުންސިލް އިދާރާ އަދި ސިއްޙީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ހުރި ކުނި މެނޭޖުކުރުމުގައި ކުރިމަތިވާ އުނދަގޫތަކާއި، ޕޮލިހުންގެ ޚިދުމަތް ރަށުގައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީއަށް ލޯކަލް ޓުއަރިޒަމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާ އެކަމުގައި އަވަހަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބައްލަވައި އެހީތެރިވެލައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ހަމަ އެއާއެކު މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށްޓަކައި ޙާއްޞަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފަ އެވެ. އަދި އެކަން ޙާޞިލުކުރުމަށް ކުދިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށާއި، ކުދިންގެ ރައްކާތެރިކަމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަށާއި، ބަލި ވުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބާރުއަޅުއްވާފަ އެވެ.

ކައުންސިލަރުން ވަނީ މި ސަރުކާރުން މާބައިދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުން ގެންދަވާތީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.