ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކޮޅުމަޑުލު (ތ. އަތޮޅު) ބްރާންޗު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީން ދީފިއެވެ.

މިއީ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިންގ އެންޑް ރިސާޗުން ހިންގަމުން ގެންދާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. ތ. އަތޮޅުގައި ހިންގާ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބޭއްވި މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ތިމަރަފުށީއެވެ.

މި ޕްރޮގްރާމުގައި އެއަތޮޅު ބްރާންޗު ތަކުން ޖުމްލަ 28 މުވައްޒަފުން ބައިވެރިވެފައިވެެއެވެ. މި ތަމްރީން ޕްރޮގްރާމުގައި ޓެކްނިކަލް، އިލެކްޓްރިކަލް ދާއިރާއިން މީހުންނަށް ތަމްރީނު ދީފައިވެއެވެ. ތިއަރީގެ އިތުރުން ޕްރެކްޓިކަލް ބައިވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2 ސެޝަނަކަށް ބަހާލައިގެންނެވެ. މި ތަމްރީނަށްފަހު ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުމެއްދޭގޮތަށް ހަމަޖައްސައިފައެވެ.

މީގެ ކުރިން ވެސް ފެނަކައިން ވަނީ ހދ. އަތޮޅާއި ނ. އަތޮޅުގައި ވެސް މިފަދަ ތަމްރީންތަކެއް ބާއްވައިފައެވެ. ކުރިއަށްއޮތް ތަނުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.