ރައީސް ޔާމީން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ގޭގައި ހުންނަވައިގެން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވުމުން ރައީސް ޔާމިން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފަ އެވެ. އެއީ 2019 ނޮވެމްބަރ 29 ގަ އެވެ.

މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށާއި، ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.

މި މައްސަލައިގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފައެވެ.

މާދަމާ އޮންނަ އިސްތިއުނާފު މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމެވެ.