ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ އާގުޅިގެން އިތުރު ބަޔަކަށް ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވި މައްސަލައިގައި އިތުރު ތިން މީހަކަށް މިއަދު ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

އެ ތިން މީހުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އެކަކާއި ދެކޮޅަށް ވަނީ އިތުރު ދެ ދައުވާއެއް އުފުލާފަ އެވެ.

އެ މައްސަލައިގަ މިހާތަނަށް ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި އެމީހުންގެ ޝަރީއަތްތައް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފަ އެވެ.

މިއަދު ދައުވާ އުފުލި މީހުންގެ ތެރެއިން ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އާއި ދެކޮޅަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ، އަދި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ.

މީގެ އިތުރުން މ. ކުދެހިގެ، އިސްހާގާއި ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.