އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ކުރިއަށް އޮތް ދެ އަހަރު ތެރޭ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ނިޒާމާއެކު ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތް ތައާރަފްވެގެން އަންނައިރު، ގާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންކަމުން އެކަމަށް ދުރާލައި ޙައްލެއް ހޯދުމަށް އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ޚިދުމަތް ތައާރުފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭން ޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތުތައް ކަމަށެވެ. އަދި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތް ކޮށްދިނުމަކީ ވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުން. ރާއްޖޭގެ އިންޓަރނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އިގްތިސޯދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށް ޑިޖިޓަލް އިގްތިސޯދަކާ ދިމާއަށް ގައުމު ގެންދިޔުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.