ސައިބަރ ކްރައިމްއާއި ސައިބަރ ސެކިއުރިޓީއާގުޅޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓެކްނޯލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
އެން.ސީ.އައި.ޓީގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިލެކްޓްރޯނިކްކޮށް ކުރާ މުޢާމަލާތްތަކާއި ކަރުދާހުގައި ކުރާ މުޢާމަލާތް ހަމަހަމަކޮށް އިލެކްޓްރޯނިކް ސޮޔާއި އިލެކްޓްރޯނިކް ކޮންޓްރެކްޓްތަކަށް ޤާނޫނީ ހައިސިއްޔަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީ ބިލެއް ވެސް ފަރުމާކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑީގެ ނިޒާމެއް ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގައި މިހާރު ބޭނުންކުރާ އީ-ފާސް އިތުރަށް ފުރިހަމަކޮށް އީ-ފާސްއަކީ ރައްޔިތުންނަށް ރައްކާތެރި އަދި ޑިޖިޓަލް ކޮންމެ ޚިދުމަތެއްގައިވެސް ބޭނުންކުރެވޭނެ ނިޒާމަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް ވިދާޅުވި އެވެ.