ރައީސް އިބްރާހީމް މުޙައްމަދު ސާލިހަކީ އެއްވެސް އުއްމީދެއްނެތި މިވަގުތު ވެރިކަމުގައި ހުންނެވި ބޭފުޅެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ޙާލަލަތަކީ ދެއަހަރު ދުވަހަށް “ލޭމްޑަކް” ރައީސަކު ހުންނަން ޖެހުން ކަމަށެވެ.

"ލޭމް ޑަކް" އަކީ ކޮބައިކަން ސާފުކޮށްދެއްވަމުން މުންދު ވިދާޅުވީ އިނގިރޭސި ސިޔާސީ ފިލާވަޅުތަކުގެ ތެރޭގައި އަންނާނެ "ލޭމް ޑަކް" އެއްގެ ވާހަކަ އަންނާ ކަމަށާއި އެއީ ވެރިކަމުގެ އެންމެ ވެރިކަމުގެ ޒައާމަތުގައި ހުންނަ ބޭފުޅަކު އެބޭފުޅެއްގެ ޒަޢާމަތު ނިމުމާ ހަމައަށް އައިމާ ދެންކަންވާ ގޮތާ ކަންކުރާ ގޮތް ކަމަށާއި އެޙާލަތުގައި ހުންނަ ރައީސަކަށް މިކިޔަނީ ލޭމް ޑަކް ކަމަށެވެ.

"އެއީ އިންތިޚާބެއް ބާއްވާ އެބޭފުޅަކު އިންތިޚާބު ކާމިޔާބުކުރުމާ ހުވާ ކުރުމާ ދޭތެރޭ އަންނަ މުއްދަތު. ރާއްޖޭގައި ވެސް އެއީ ހައެއްކަ ހަފްތާ. މިހާރު ހުންނެވި ރައީސަށް މިއޮތީ ދެއަހަރު ދުވަސް ކުރިއަށް. އެހެންވީމާ މިދުވަސްކޮޅަކީ ވަރަށް ޣާތުން ކަންކަން ބަލަންޖެހޭ ދުވަސްކޮޅެއް" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ދިވެހި ރައްޔިތުންނަށާއި އަދި ބޭރުގެ ފަރާތްތަކަށްވެސް އަދި އިބްރާހީމް މުހައްމަދު ސާލިހަށްވެސް 17 ނޮވެމްބަރު 2023ގައި އެމަނިކުފާނު އެމަގާމުން ވަކިވެވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާނެ ކަމށާއި އެމަގާމާ ހަވާލުވެ ވަޑައިގަންނަވާނީ ރައިސް ޢާބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަންވެސް ވަރަށް ސާފުވާނެ ކަމަށެވެ.

އަދި މިއަދު އިދިކޮޅު ޕާޓީއާއި ބައްދަލުކުރާ ބޭރުގެ ފަރާތްތަކުންވެސް ދައްކަމުން އަންނަ ވާހަކަ ވަރަށް ބޮޑަށް ބަދަލު ވެއްޖެކަމަށާއި އެބޭފުޅުން މިހާރު ދައްކަވަނީ ޕީޕީއެމް ވެރިކަމަށް އައިސް ދެން ކަންތައް ކުރާނެގޮތާ ބެހޭގޮތުން ކަމަށް މުންދު ވިދާޅުވިއެވެ.

"ކިހިނެއްތޯ ކަންތައް ކުރާނީ ކިހިނެއްތޯ ގުޅުންތައް ހުންނާނީ. ކޮބައިތޯ ސިޔާސަތު ތަކަކީ. އެބަޔަކަށްވެސް އެބަވިސްނޭ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ސުވާލެއް ކޮށްގެން އޮޅުންފިލާ އޮޅުންފިލުމަކުން އެމީހުންނަށް ފައިދާއެއް ވިއްޔާ ނުވަތަ އެއްޗެއް އެނގުނިއްޔާ އެނގޭނީ ދެއަހަރު ދުވަހުކަން. އަޅުގަނޑުމެންނާ ވާހަކަ ދެއްކީމާ ދެން އޮތް ފަސްއަހަރަށް ކަންތައްތައް އޮޅުންފިލާނެކަން. އެހެންވީމާ ދާންޖެހޭތީ މިއަދު އިބޫ އަރިހަށް ދަނީ. އެއީ ލޭމް ޑަކް ޕްރެޒިޑޭންޓަކަށް ވީމަ ވާގޮތް." މުންދު ވިދާޅުވިއެވެ.

ލޭމް ޑަކް ޕްރެޒިޑެންޓެއް ވީމާ ވަރަށް ގާތުން އެބޭފުޅެއްގެ އަމަލުތައް ބަލަންވާނެ ކަމަށާއި ދެއަހަރު ދުވަހުގެ ތެރޭގައި ކުރާނީ އަމިއްލަ ފައިދާއަށް އަމިއްލަ ބޭނުމަށް ކުރާ ކަންތައްކަމަށް މުންދު ވިދާޅުވިއެވެ. އެހެންވީމާ މިދެއަހަރު ތެރޭ ނެގުނު އެއްޗެއް ނަގައިގެން ވީކަމެއް ކޮށްގެން ދާނީ ކަމަށާއި ރައްޔިތުންނަށް ވައުދު ފުއްދާކަށް ފަސޭހަތަކެއް ކުރާކަށް މަޝްރޫއުތަކެއް ހިންގާކަށް ޝައިގވެރި ކަމެއް ނުހުންނާނެކަން މުންދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުންދު ވިދާޅުވީ ދެއަހަރު ދުވަހު މަޑުކުރެއްވުމަށްވުރެ ރަނގަޅުވާނީ އިސްތިއުފާ ދެއްވުން ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އަޅުގަނޑު ދަންނަވާ ވާހަކައެއް. ހެނދުނު ތެދުވެ ވަޑައިގެން ކާރުކޮޅުގައި އޮފީހަށް ވަޑައިގެން އެމަނިކުފާނުގެ ގޮނޑިކޮޅުގައި އިށީންނަވާ ދިވެހި ރައްޔިތުންނަށް އެއްޗެއް ލިޔުއްވަން އެބަޖެހިވަޑައިގަންނަވާ. ރައްޔިތުންނަށް ވީ ވައުދާއި ޚިލާފުވެ ގާނޫނު އަސާސީއާއި ޚިލާފުވެ، އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކާ ޚިލާފުވެ، މިހިރަ މިހިރަ ކަންތައްތަކަށް ބަލާ އަޅުގަނޑު ހަމަހޭގައި ހުރެ އެއްވެސް ފިއްތުމެއް ނުފޫޒެއް ނެތި މިވަގުތުން ފެށިގެން އިސްތިއުފާދީފައި އަޅުގަނޑު ގެއަށް މިދަނީއެވެ." މުންދު ވިދާޅުވިއެވެ.