ގޭގެ ހުރިހާ ކުދިވެރިން ރޯގާ ޖެހިގެން އުޅޭތީ އޮރެންޖެއް ގަންނަން ނުކުމެއްޖައީމެވެ. އެންމެ ފުރަތަމަ ވެސް ވަނީ މާރުކޭޓަށެވެ. އެތާގެ އެއްވެސް ގޮޅިއެއްގައި އޮރެންޖެއް ނެތެވެ. އެހެން ކަމުން ލައިގެންކާނެއެއްޗެއް ހެދުމުގެ ނިޔަތުގައި މުރަނގަތޮޅިކޮޅެއް ގަނެލަން ހިތަށް އެރިއެވެ. އެންމެ ކައިރީގައި ހުރި ގޮޅީން ވެސް މުރަނގަތޮޅި ފެނިއްޖެއެވެ. އަގު އަހާލުމުން ސޭޓު ބުނީ ކިލޯއެއް 180 ރުފިޔާ އަށް ކަމަށެވެ. "ގައިކޮޅު ގައިގައި ދުރޭ" ކިޔާފައި މާރުކޭޓުން ނުކުމެއްޖައީމެވެ.

މާލޭގެ ލޯކަލް މާރުކޭޓު: ފޮޓޯ ހަލި

ފިހާރައަކުންނަމަވެސް އޮރެންޖެއް ގަންނަން ހިނގައިގަތީމެވެ. ތަންކޮޅަކަށް ދިޔަތަނާ ފިހާރައެއްގައި އޮރެންޖު ހުއްޓައި ފެނިއްޖެއެވެ. ފީހަރައަށްވަދެ އޮރެންޖުގެ އަގުއަހައިލީމެވެ. ސޭޓަކަށް އިން ބިދޭސީ މީހާ ވަރަށްފަރިތަ ކަމާއެކު އެއް އޮރެންޖު ދިހަ ރުފިޔާ އަށޭ ބުނެލިއެވެ. އަހަންނަށް އިނގިލި ކުރީގައި ދައިގަނެވުނެވެ. ސުބުހާނަﷲ އޭ ބުނެލެވުނެވެ. އެއްގޮތަކަށްވެސް އަހަންނަށް އޮރެންޖާއި މެންޑަރީން އޮޅުނީއެއްނޫނެވެ. މިދައްކަނީ މީގެކުރިން ދެރުފިޔާ ބަޔަށް ތިން ރުފިޔާ އަށް ގަތް އޮރެންޖުގެ ވާހަކައެވެ. އެންމެ އަގުބޮވެގެން ވެސް ފަސް ރުފިޔާއަށެވެ. މިހާރު ލިބެން މިހުރީ ދިހަ ރުފިޔާ އަށެވެ.

މާލޭގެ ލޯކަލް މާރުކޭޓު: ފޮޓޯ ހަލި

އޮރެންޖުގެ ވާހަކަ ބާއްވާފައި ދޮންކެޔޮ ގަންނާނަމޭ ހިތައި އަގު އަހާލީމެވެ. ސޭޓު ބުނީ ކިލޯއެއް ފަސްދޮޅަހަށް ކަމަށެވެ. އެ ދޮންކެޔޮގަނޑުން ކިލޯއަކަށް ފަސް ވަށް ވެސް ނާރާނެއެވެ. ވިސްނާ ފިކުރުކޮށްބަލާށެވެ. ދޮންކެޔޮ ވަކެއްގެ އަގު މި ހުރީ ބާރަ ރުފިޔާއިން މަތީގައެވެ. ތަކެތީގެ އަގު ބޮޑުކުރުމުގައި ވެސް ހައްދެއް ނެތީތާއެވެ.

މާލޭގެ ލޯކަލް މާރުކޭޓު: ފޮޓޯ ހަލި

ފިހާރައިގައި ހުރި އެހެން އެއްޗެއްސަށް ނަޒަރު ހިންގާލީމެވެ. އެއްވެސް އެއްޗެއްގައި އަގު ޖަހާފައެއް ނެތެވެ. ދިވެހިރާއްޖޭގެ ވިޔަފާރީގެ ގަވާއިދު ބުނާގޮތުން ވިއްކާ ކޮންމެ އެއްޗެއްގައި އެ އެއްޗެއް ވިއްކާ އަގު ލިޔެފައި އޮންނަން ޖެހެއެވެ. ނަމަވެސް ގަވާއިދު އޮތީ އޮންނާނެ ތަނެއްގައެވެ. އެމީހަކު ހިތަށްއެރި އަގެއްގައި ތަކެތި ވިއްކަމުން ގެންދަނީއެވެ. މިނިވަން ވިޔަފާރިއެއް ވިއްޔާއެވެ. ކުރާނެ ކަމެއް ނެތެވެ. "ލަކުޑިގަނޑު މާވަޑިޔާގެ ހިތެވެ. ނިޔާ ފަނޑިޔާރުގެ ހިތެވެ."