ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސަށް މުސާރަ އާއި އިނާޔަތްތަކާއެކު މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 45،000 ރުފިޔާ އަދި ކޮމިޝަނުގެ ނައިބް ރައީސަށް 43،000 ރުފިޔާ ލިބޭ ކަމަށް އެކޮމިޝަނުން އާންމުކޮށްފައިވާ މުސާރަ އާއި އިނާޔަތްތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ޝީޓުން ހާމަވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބެއެވެ. ކޮމިޝަނުގެ ނައިބް ރައީސްގެ އަސާސީ މުސާރައަކީވެސް 30،000 ރުފިޔާއެވެ. ލިވިންގެ އެލަވަންސްގެ ގޮތުގައި ނައިބަށް ލިބެނީ 13،000 ރުފިޔާއެވެ. މީގެ އިތުރުން ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބާ ބޭފުޅުންނަށް އަސާސީ މުސާރައިގެ ގޮތުގައި 28،000 ރުފިޔާ ލިބޭއިރު ލިވިންގ އެލަވަންސްގެ ގޮތުގައި 12،000 ރުފިޔާ ލިބެއެވެ،

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އާއި ނައިބް ރައީސް އިތުރުން އެކޮމިޝަނުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންގެ މުސާރަތައްވެސް ، ސިވިލް ސަރވިސްގައި މަސައްކަތް ކުރާ އެހެނިހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށްވުރެ އެތައް ގުނައެއް ބޮޑުކަމަށް މިމައުލޫމާތު ޝީޓުން ހާމަވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އާއި ކޮމިޝަނުގެ އެހެން މުވައްޒަފުންގެ ބޮޑެތި މުސާރަތަކަށް މީޑިޔާގެ ސަމާލުކަން ހުއްޓިފައި މިވަނީ ރާއްޖޭގެ ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ސައްބީސް ހާހެއްހައި މުވައްޒަފުން އެމުވައްޒަފުންގެ މުސާރަތައް ބޮޑު ކޮށްދިނުމަށް އެދި މުޅި ރާއްޖޭގައި ހިމޭން އިހްތިޖާޖެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ އިތުރުން، ދައުލަތުގެ މިނިވަން މުއްސަސާތަކާއި އަޅާބަލާއިރު ސިވިލްސަރވަންޓުންގެ މުސާރަތައް އިންތިހާއަށް ކުޑަކަން ފާހަގަ ކޮށްލެވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ޝީޓް:

http://www.csc.gov.mv/v3/wp-content/files/2020/CSCPublication/CSC_Salary_and_Allowances_19082020.pdf