ތަޢުލީމީ ދާއިރާ އަށާއި ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި ނ. ހޮޅުދޫ، ނައިފަރީގޭ، މުޙައްމަދު ޙުސައިން ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގާތްގަޑަކަށް 60 އަހަރު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޙުސެއިން އަވަހާރަވި އިރު އުމުރުފުޅަކީ 93 އަހަރެވެ.

އޭނާއަކީ ރާއްޖެއަށް އަދި ޚާއްޞަކޮށް ނ. އަތޮޅަށް ތަޢުލީމު ފޯރުކޮށް ދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ހޮޅުދޫ މޭނާ ސުކޫލުގައި ދިގުމުއްދަތަކަށް ޢަރަބި އަދި އިސްލާމު މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވިއެވެ. މީގެ އިތުރަށް އޭނާއަކީ ޢަރަބި ބަހާއި ދިވެހި ބަހުން ޅެން ހެއްދެވި ޚިޔާލު ތަނަވަސް ޅެންވެރިއެކެވެ. ޚިޔާލީ، ދީނީ، އަދަބީ އަޚުލާޤީ މައިގަނޑު މައުޟޫތަކަށް ޅެން ހެއްދެވި ޝާއިރެކެވެ. މުޙައްމަދު ހުސައިން ހެއްދެވި ޅެންތަކުގެ ތެރޭގައި "މުސްކުޅިކަމާއި މަރު " (މުސްކުޅި މުދާވެރިއެއްގެ ގާތަށް މަރުއައޭ) ފަދަ މަޝްހޫރު ޅެންތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރަށް "ފަހުޒަމާން އަންނާނެ ކަމަށް" "އިހުސާނު މިރޭ ނިންދެވުމަށް ކީމެ ދައިދޯ" ފަދަ ޅެންތަކަކީ ވަރަށް ބޮޑަށް މަގޫބުލުކަން ލިބުނު ޅެންތަކެކެވެ.

1984 ވަނަ އަހަރު އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންނެވި މުޙައްމަދު ޙުސައިނަކީ ހޮޅުދޫއާއި ނ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ އެދުރެކެވެ.

އާއިލާއިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި މުޙައްމަދު ޙުސައިން ނިސްބަތްވަނީ ނައިފަރު ޖަލާލިއްދީނު އާއިލާ އަށެވެ.

މުޙައްމަދު ޙުސައިންގެ ދަރިންނާއި ކާފަ ދަރިންނަކީވެސް ގައުމަށް ޚިދުމަތް ކުރެއްވި ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.