ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ އެއްވެސް ސިސްޓަމެއް ހެކަރުންގެ އަތްދަށް ގޮސްފައި ނުވާކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

އެތަނުން އެހެން ވިދާޅުވީ އެތަނުގެ ސިސްޓަމުތަކަށް ރެންސަމްވެއަރގެ ހަމަލައެއް އިއްޔެ އައިސް ހެކަރުން ސިސްޓަމުތައް "ހައިޖެކުކޮށްފި" ކަމަށް ވާހަކަ ދެކެވުމުންދާތީއެވެ.

އެގްޒަމިނޭޝަނުން ވިދާޅުވީ އެ އިދާރާއަށް ރެންސަމްވެއަރ އެޓޭކެއް އިއްޔެގެ ވަގުތެއްގައި ކުރިމަތިވި ކަމަށެވެ. "ވަގުތުން އެކަން މި އިދާރާގެ އައި.ޓީ. މުވައްޒަފުންގެ ސަމާލުކަމަށް އައިސް، އަޅަންޖެހޭ ފިޔަވަޅުތައްވަނީ އަޅާފައެވެ. މި އިދާރާގެ އެއްވެސް ސިސްޓަމެއް ހެކަރުންގެ އަތްދަށަށް ނުދާކަމަށާއި މުހިއްމު ފައިލުތައް ރައްކައުތެރިކަމާއެކު ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.،" އެތަނުން ވިދާޅުވެފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެ އިދާރާގެ އައި.ޓީ. މުވައްޒަފުންގެ މަސައްކަތުން، ދަތިނުވެ ތަނުގެ މަސައްކަތް ކުރެވޭ ޙާލަތަށް އެ އިދާރާ މިހާރު ވަނީ ގެނެސްފައެވެ. އިތުރަށް ކުރަންޖެހޭ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.