އެމްޑީޕީ ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި އެވެ.

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށާފައުވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5 ޖަހަންދެން ނެވެ.

މާލޭ ސަރަހައްދުން 15 ސްކޫލަކާއި ސޯޝަލް ސެންޓަރު އަދި އަތޮޅުތެރެއިން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވާ އެހެން ހުރިހާ ރަށެއްގައި ވެސް އެރަށެއްގެ ސްކޫލުގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މި އިންތިޚާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްޑިޕީގެ މިފަހަރުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރެއިން 161 ކެންޑިޑޭޓުން ވަނީ އޮޓަމެޓިކުން ހޮވިފައެވެ.

މިގޮތަށް ހޮވިފައިވަނީ އެ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލައްވާފައި ނުވާތީ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 92،743 މީހުންނަށެވެ.