ދެ ރަށެއްގެ މޮނިޓަރިންގ ހާލަތު އުވާލައިފި އެވެ.

އެގޮތުން އެޗްޕީއޭ އިން ވަނީ ހދ. ނޮޅިވަރަމް އާއި ށ. މިލަންދޫ މޮނިޓަރިންގ އިން ނަގައި އާންމު ހާލަތަށް ގެނެސްފަ އެވެ.

މި ދެ ރަށުގެ ތެރެއިން މިލަންދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ. އަދި ނޮޅިވަރަމް މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓު 28 ވަނަ ދުވަހު އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ދެ ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިހާރުނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށެކެވެ.

އޭގެ ތެރެއިން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ކ. ގާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.