އައްޑުސިޓީން އިތުރު 18 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޭ އޭކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ޕޮޒިޓިވް ވެފައިވަނީ 17 ދިވެހީންނާއި ބިދޭސީ އެކެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޑޮކްޓަރަށް ދެއްކި 5 މީހުންނާއި ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ބަލީގެ އަލާމާތްތައް ހުރެގެން ދެއްކި މީހަކާއި ދަތުރުވެރިއެކެވެ. އަދި މަރަދޫ އާއި މަރަދޫ ފޭދޫ ކޮންމެ ރަށަކުން ވެސް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެއީ ޑޮކްޓަރަށް ދެއްކި ދެ މީހުން ނެވެ.

މީގެ އިތުރުން ފޭދޫ އިން ވެސް ވަނީ ޑޮކްޓަރަށް ދެއްކި 6 މީހަކާއި ރެންޑަމް ސާމްޕަލުން މީހަކާއި ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު އެ ސިޓީގެ ހިތަދޫގައި 60، މަރަދޫގައި 37، މަރަދޫފޭދޫގައި 5، ފޭދޫގައި 107 އަދި ގަމުގައި އެއްކޭސް އެބައޮތެވެ.

އައްޑުސިޓީގައި މިހައިތަނަށް 1398 ކޭސް ފެނިފައިވާ އިރު، 1185 މީހުން ވަނީ ރަނގަޅުވެފަ އެވެ އެ ސިޓީން މަރުވެފައިވަނީ 3 މީހުން ނެވެ.